ކުޅިވަރު

ޖިރޫޑްގެ ދެ ގޯލުން އޭސީ މިލާން އިންޓަރގެ މައްޗަށް ކުރި ހޯދައިފި


އިޓާލިއަން ލީގުގައި ތިން މިނެޓްގެ ތެރޭގައި އޮލިވިއޭ ޖިރޫޑް ޖެހި ދެ ގޯލާއެކު އޭސީ މިލާއިން އިންޓަރ މިލާންގެ މައްޗަށް ކުރި ހޯދައިފިއެވެ. މިމެޗް ފަހަތުން އަރައި އޭސީ މިލާނުން ކާމިޔުބުކުރީ 2 ލަނޑު 1 ލަނޑުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގޯލެއް ޖަހާ އެންމެ ފުރަތަމަ ލީޑް ނެގަން މަސައްކަތް ކުރީ އިންޓަރ މިލާނުންނެވެ. އިންޓަރގެ ޑެންޒަލް ޑަމްފްރީސް ގޯލެއް ޖެހިނަމަވެސް، ރެފްރީ އެއީ ގޯލެއް ނޫންކަމަށް ނިންމާފައިވަނީ އެގޯލް ޖެހިވަގުތު އިންޓަރގެ ކުޅުންތެރިއަކު އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ. މިމެޗްގައި އިންޓަރ މިލާއިން ލީޑް ނެގީ މެޗްގެ 38ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗްއެވެ. މިއީ ޕެރިސިޗް އިންޓަ އަށް ޖަހައިދިން 50ވަނަ ގޯލެވެ.

މެޗްގެ ދެވަނަ ހާފް ފެށިއިރު ބަލިވެފައި އޮތުމުން، އޭސީ މިލާނުން ވަނީ މެޗްގެ ދެވަނަ ހާފްގައި މޮޅު ކުޅުމެއްދައްކައި، ލަނޑު ޖެހުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން މެޗްގެ 75ވަނަ މިނެޓްގައި އޭސީ މިލާންގެ ޖިރޫޑް ވަނީ ލަނޑެއްޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި ތިން މިނެޓްފަހުން ޖިރޫޑްވަނީ އޭސީ މިލާނަށް ލީޑް ނަގައިދީފައެވެ. މިބޯޅަ އިންޓަރގެ ގޯލަށް ވަދެފައި ވަނީ އިންޓަރ މިލާންގެ ކީޕަރު ސާމިރް ހަންޑަނޯވިޗް އަތުގައި ޖެހިފައެވެ. ޖިރޫޑަކީ އިޓާލިއަން ލީގުގެ މެޗެއްގައި އިންޓަ ކޮޅަށް 2 ގޯލު ޖެހި ފްރާންސަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއެވެ. މެޗުގެ އިތުރު ވަގުތުގައި މިލާނަށް ކުޅޭ ފްރާންސް ފުލްބެކް ތިއޯ ހެނާންޑޭޒަށް ވަނީ ރަތް ކާޑު ދައްކައިފައެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ އިންޓަރގެ ޑަމްފްރީސަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެންނެވެ.

މި މެޗުން ލިބުނު 3 ޕޮއިންޓާއެކު އޭސީ މިލާނުން ވަނީ ލީގުގެ 1 ވަނައިގައި އޮތް އިންޓަރ މިލާނާއި ޕޮއިންޓަކަށް ގާތަށް ޖެހިލާފައެވެ. އިންޓަރ 1 ވަނައިގައި އޮތީ 23 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ. އޭސީ މިލާން 2 ވަނައިގައި އޮތީ 24 މެޗުން 52 ޕޮއިންޓް ހޯދައިގެންނެވެ.