ޚަބަރު

ހުޅުމާލޭގައި 5,000 ހައުސިން ޔުނިޓް އެޅުމަށް ޕްރޮޕޯޒަލް ލިބިއްޖެ


ހުޅުމާލެ 2 ވަނަ ފިޔަވަހީގައި، ގައި 5000 ހައުސިން ޔުނިޓް އެޅުމުގެ ޕްރޮޕޯޒަލް ލިބިފައިވާކަމަށް ހައުސިންގ މިނިސްޓްރީން ހާމަ ކުރައްވައިފިއެވެ.އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑަށް ހުންނަނީ، މާލެ ސަރަޙައްދުގައި، އިންވެސްޓު ކުރުމަށް ކަންވެސް  ހައުސިންގ މިނިސްޓްރީން ފާހަގަކުރައްވައެވެ. ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ސޯޝަލް އަދި މެދުފަންތީގެ ހައުސިންގ ޔުނިޓް އެޅުމަށް ޝައުގުވެރިކަން ފާޅުކުރުމަށް ހައުސިންގ މިނިސްޓްރީން ހުޅުއްވާލެއްވި، ފުރުސަތުގައި 12 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. ހައުސިންގ ޔުނިޓްތައް އެޅުމަށް ޝައުގުވެރިކަން ފާޅުކުރި ކުންފުނިތަކުގެ ތެރޭގައި ޗައިނާ، ތުރުކީ، ސްރިލަންކާ، މެލޭޝިއާ، އިންޑިއާ، އަދި ރާއްޖޭގެ ކުންފުނިތައްވެސް ހިމެނެއެވެ.ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 5,000 ހައުސިންގ ޔުނިޓް އެޅުމަށް މިހާރު ޕްރޮޕޯޒަލް ލިބިފައިވާ ކަމަށާއި، ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެއްވުމަށްފަހު، އެންމެ ރަނގަޅު ޕްރޮޕޯޒަލެއް ހުށަހަޅުއްވާފައިވާ ކުންފުންޏަކާއި އެ މަސައްކަތް ހަވާލު ކުރައްވާނެ ކަމަށެވެ. "މިހާރު ލިބިފައިހުރި ޕްރޮޕޯޒަލްތައް ބެލުމަށްފަހު، ފައިސާއާއިއެކު އަންނަ، އަދި ޔަގީންކަމާއެކު މިކަން ކުރެވޭނެ ބަޔަކަށް މަސައްކަތް ހަވާލުކުރެވޭނީ" ހައުސިންގ މިނިސްޓަރ ޑރ. މުޢިއްޒު ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ، 2018 ވަނަ އަހަރުގެ މެދަކާއި ހަމައަށް ދާއިރު، ހުޅުމާލެ 2 ވަނަ ފިޔަވަހީގައި، 5000 ހައުސިން ޔުނިޓް އަޅުއްވާނެ ކަމަށެވެ. އެގޮތުން ޗައިނާގެ، "ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަނާ"  މިހާރު ހަވާލުކޮށްފައިވާ 1500 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް ޖުލައި މަހުގެ ތެރޭގައި ފައްޓަވާނެކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އިތުރު 3,500 ހައުސިންގ ޔުނިޓްގެ މަސައްކަތްވެސް ހަވާލުކުރެއްވުމުގެ ކަންކަން ކުރިއަށްގެންދަވާ ކަމަށެވެ.ސަރުކާރުގެ ހައުސިން މަޝްރޫޢުތައް މިހާރު ބޮޑަށް އަމާޒު ކުރައްވަނީ ސޯޝަލް ހައުސިން އަދި، އަދި މެދުފަންތީގެ ހައުސިންގ އަށެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އެޅުއްވުމަށް ނިންމަވާފައިވާ 1,100 ހައުސިން ޔުނިޓްގެ ތެރެއިން 700 ހައުސިން ޔުނިޓްގެ އަމަލީ މސައްކަތް ފެށިގެން މިހާރު ކުރިއަށް އެބަދެއެވެ. މި ފްލެޓްތައް ސެޕްޓެމްބަރ މަހުގެ ތެރޭގައި ނިމޭނެއެވެ. ބާކީ ހުރި ފްލެޓްތަކުގެ މަސައްކަތް ނުފެށި ލަސްވުމުގައި ދިމާވާ ސަބަބު މިނިސްޓަރ ވިދާޅުވެދެއްވިއެވެ."ނުފެށި ލަސްވުމުގައި ކޮންޓްރެކްޓަރގެ ފެންވަރުގެ މައްސަލަތަކެއް އެބަހުރި. އެކަންތއް ކަމާ ގުޅުންހުރި  ފަރާތްތަކާ މަޝްވަރާކޮށްގެން ހައްލު ކުރެވޭތޯ އެބަ ބަލަން."   ޑރ.  މުޢިއްޒު ވިދާޅުވިއެވެ.މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ސަރުކާރުން ހައުސިންގ މަޝްރޫއުތައް ކުރިއަށް ގެންދަވައެވެ. އެގޮތުން މިހާރުވެސް 2,000 އެއްހާ ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް އަތޮޅުތެރޭގައި ކުރިއަށް އެބަދެއެވެ.