ކުޅިވަރު

ދަ ގްރާންޑޭ ބަލިކޮށް ސަސް ސެމީއަށް


އެފްއޭއެމް ޔޫތު ޗެންޕިއަންޝިޕްގައި ރޭ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބް ބަލިކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. ސަސްއިން މިމެޗް ކާމޔާބުކޮށްފައިވަނީ 6 ލަނޑު 0 ލަނޑުންނެވެ.

ރޭގެ މިމެޗާއެކު 19 އަހަރުން ދަށުގެ ކުޅުންތެރިނަށް އަމާޒްކޮށްގެން ކުރިއަށްގެންދާ ޔޫތު ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖް މެޗްތައް ވަނީ ނިމިފައެވެ. ސަސް އާއި ދަ ގްރާންޑޭ ވާދަކުރި މިމެޗްގައި މޮޅަށް ކުޅެފައިވަނީ ސަސްއިންނެވެ. އެގޮތުން އެޓީމުން ވަނީ މެޗްގެ 20ވަނަ މިނެޓްގައި ގޯލެއްޖަހައި ލީޑް ނަގާފައެވެ. މިލަނޑު ސަސްއަށް ކާމިޔާބުކޮށްދިނީ އޭރިޔާގެ ތެރޭގައި ހުސްކޮށް ހުރި ސާލިފް ހުސައިންނެވެ. ސަސްއިން ފުރަތަމަ ގޯލް ޖެހިތާ 3މިނެޓްފަހުން އެޓީމުން ވަނީ 2ވަނަ ގޯލް ޖަހައި ލީޑް ފުޅާކޮށްފައެވެ. މިލަނޑު ސަސްއަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު އަހުމަދު އައިހަމް މުހައްމަދެވެ. މިމެޗްގައި ދަ ގްރާންޑޭއަށް މާރަނޅު ފުރުސަތެއް ތަނަވަސް ކުރެވޭ ގޮތެއް ނުވިއެވެ. މެޗްގެ 25ވަނަ މިނެޓްގައި ސަސްއިން ވަނީ އެޓީމުގެ 3ވަނަ ލަނޑު ޖަހާފައެވެ. މިލަނޑު ސަސްއަށް ކާމިޔާބުކޮށްދިނީ ވިޝާމް ޢަބްދުލްމަޖީދެއެވެ.

މިމެޗްގެ ދެވަނަ ހާފްގައިވެސް މޮޅަށް ކުޅެފައިވަނީ ސަސްއިންނެވެ. ދަ ގްރާންޑޭއަށް މެޗްގެ ދެވަނަ ހާފްގައިވެސް މާރަގަނޅު ކުޅުމެއް ނުދެއްކުނުއިރު، މާ ނުރައްކާތެރި ހަމަލާއެއްވެސް އުފެއްދިފައެއް ނުވެއެވެ. މެޗްގެ 2ވަނަ ހާފްގައި ސަސްއިން ވަނީ 3 ގޯލް ޖަހާފައެވެ. އެގޮތުން ސަސްގެ 4ވަނަ ގޯލް އެޓީމަށް މެޗްގެ 58ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވިޝާހު ޢަބްދުލްމަޖީދެވެ. އަދި އޭގެ 2 މިނެޓް ފަހުން ސަސްގެ 5ވަނަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޢަލީ ޝާޒް ހަބީބެވެ. ދެވަނަ ހާފްގައި ސަސްއިން ވަނީ ބަދަލްތަކެއް ގެނެސް، އެޓީމުގެ ގިނަ ކުޅުންތެރިންތަކަކަށް ކުޅުމުގެ ފުރުސަތު ދީފައެވެ. މިމެޗްގައި ސަސްގެ ފަހު ލަނޑު، މެޗްގެ 84ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ މުތާއު މުޙައްމަދުއެވެ.

ގުރޫޕް އޭގެ 1ވަނަ 10 ޕޮއިންޓާއެކު ހޯދީ ކުލަބް އީގަލްސްއެވެ. 9 ޕޮއިންޓާއެކު ދެވަނަ ސަސްއަށް ލިބުނުއިރު، މި ގުރޫޕްއިން ތިންވަނަ ލިބުނީ މާޒިޔާއަށެވެ. އެޓީމަށް 7 ޕޮއިންޓް ލިބިފައިވެއެވެ. ދަ ގްރާންޑޭއަށް ތިން ޕޮއިންޓާއެކު ތާވަލްގެ 4ވަނައިގައި އޮތް އިރު، މި ގުރޫޕްގެ އެންމެ ފުލުގައި އޮތީ ގްރީން ސްޓްރީޓްސްވެ. މިމުބާރާތުގައ ސެމީ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ބުދަ ދުވަހުއެވެ. އެގޮތުން ބުދަ ދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލް ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އީގަލްސް އާއި ޓީސީއެވެ. އަދި އެރޭ ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލް ދެވަނަ މިމެޗްގައި ވާދަކުރާނީ ސަސް އާއި ޔުނައިޓަޑް ވިކްޓްރީއެވެ.

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ކުޅެވޭތޯ މަސައްކަތްކުރަމުން އަންނަނީ ފ. އަތޮޅު ނިލަންދޫ ޓާފް ދަނޑުގައެވެ. މެޗު ކުޅެން ތާވަލުކޮށްފައި އޮތީ މި މަހު 13ވަނަ ދުވަހުއެވެ.