ޚަބަރު

އަމާޒަކީ 20 މެކޭނިކަލް ޕާރކިނގް ސިސްޓަމް ޤާއިމްކުރުން


މާލެއަށް ދިމާވެފައިވާ ޕާރކް ކުރުމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަށްޓަކައި ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލޭގައި މެކޭނިކަލް ޕާރކިނގް ސިސްޓަމެއް ޤާއިމު ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މެކޭނިކަލް ޕާރކިންގ ސިސްޓަމް ޤާއިމު ކުރުމާއި ގުޅޭ ގޮތުން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވީ މާލެއަށް ދިމާވެފައިވާ ޕާރކްކުރުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށްޓަކައި 10 ޕާރކިންގ ސިސްޓަމް ޤައިމުކުރުމަށް ބަޖެޓްގައި ހިމަނާފައި ވީނަމަވެސް ބޭނުންވަނީ 20 ޕާރކިންގ ސިސްޓްމް ގާއިމް ކުރެއްވުން ކަމަށެވެ.ޕާރކިންގ ސިސްޓަމް ބަހައްޓާނެ ލޮކޭޝަންތައް ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ގެންދަވާކަމަށްވެސް ހައުސިންގ މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ޗައިނާގެ ކަމާއި ބެހޭ ފަރާތްތަކާއި ބައްދަލުކުރައްވައި، ޕާރކިނގް ސިސްޓަމްތަކުގެ ޑިޒައިނިންގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މާލޭގައި ހަދާ ޕާކިން ސިސްޓަމް ތަރައްޤީ ކުރެއްވުމަށް ހަމަޖެހިފައިވަނީ ސައިކަލްވެސް ޕާކް ކުރެވޭ ގޮތަށް ކަމަށްވެސް ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ބިޑް ޑޮކިއުމެންޓް ތައްޔާރު ކުރަމުންދާ ކަމަށާއި މި މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ވަރަށް އަވަހަށް ފުރުސަތު ހުޅުއްވާލައްވާނެ ކަމަށެވެ.މިއަހަރުތެރޭގައި މެކޭނިކަލް ޕާރކިންގެ ސިސްޓަމް ޤާއިމު ކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމަށް ބޭނުންވާ ފައިސާވެސް ހަމަޖެހިފައިވާ ކަމަށާއި، އެހެން ނަމަވެސް މި މަސައްކަތަކީ ބީލަމަށް ލެވި ކުރިއަށް ދާނެ މަސައްކަތަކަށް ވާތީ މިކަމަށް ހަމަޖެހިފައިވާ ފައިސާގެ ތަފްޞީލެއް ހައުސިންގ މިނިސްޓްރީން ހާމައެއް ނުކުރައްވައެވެ.