ޔޫތު ޗެންޕިއަންޝިޕްގައި ކުލަބް އީގަލްސްއިން ގްރީން ސްޓްރީޓްސް ކޮޅަށް 11 ގޯލްޖަހައި، މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. އެފްއޭއެމް ޔޫތު ޗެންޕިއަންޝިޕްގައި ކުލަބް އީގަލްސް އާއި ގްރީން ސްޓްރީޓްސް ވާދަކުރި މެޗް އީގަލްސް ކާމިޔާބުކުރީ 11 ލަނޑު 0 ލަނޑުންނެވެ.
މިމެޗް ފެށިގެން ނިމެންދެންވެސް މެޗް ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ އީގަލްސްއިންނެވެ. އީގަލްސްއިން މެޗް ފެށުމާއެކު ގްރީންގެ ގޯލަށް ނުރައްކާ ކުރަމުންދިޔައެވެ. އެގޮތުން މެޗްގެ 6ވަނަ މިނެޓްގައި އީގަލްސްއިން ވަނީ ލަނޑެއްޖަހައި ލީޑް ނަގާފައެވެ. މިލަނޑު އީގަލްސްއަށް ކާމިޔާބުކޮށްދިނީ ހަސަން ސަހާފެވެ. އީގަލްސްއިން ލީޑް ފުޅާކުރި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 8ވަނަ މިނެޓްގައި މުޙައްމަދު ރަޔާންއެވެ. އީގަލްސްގެ 3ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒައިން ޒަފަރެވެ. މިމެޗްގައި ގްރީން ސްޓްރީޓްސްއަށް މާރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މިމެޗްގައި އީގަލްސްގެ 4ވަނަ ލަނޑު މެޗްގެ 24ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ރަޔާނެވެ. އަދި އީގަލްސްގެ 5ވަނަ ލަނޑު އީގަލްސްއަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ސަމާހެވެ. މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ސަމާހުވަނީ އިތުރު ގޯލެއް ޖަހައި މެޗްގެ ނަތީޖާ 6-0ކަށް ބަދަލްކޮށްލާފައެވެ.
މެޗްގެ ފުރަތަމަ ހާފެކޭ އެއްގޮތަށް މެޗްގެ ދެވަނަ ހާފްގައިވެސް މެޗް ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ އީގަލްސްއިންނެވެ. މިމެޗްގެ ދެވަނަ ހާފް ގްރީން ސްޓްރީޓްސްއިން ފަށާފައިވަނީ ކީޕަރު އަބާންގެ ބަދަލުގައި އަލީ ޔަނީއު އަހުމަދު ކުޅެން އަރުވައިގެންނެވެ. އެގޮތުން އީގަލްސްއިން މެޗްގެ ދެވަނަ ހާފްގައި ފޮނުވާލި ގިނަ ހަމަލާތައްވަނީ ގްރީންގެ ކީޕަރު ޔަނީއު ދިފާއުކުރިއެވެ. މެޗްގައި އީގަލްސްއިން ޖެހި 8ވަނަ ގޯލް މެޗްގެ 75ވަނަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޒައިން ޒަފަރެވެ. އަދި މެޗްގެ 78ވަނަ މިނެޓްގައި ރަޔާން ވަނީ ގޯލެއްޖާހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި އީގަލްސްއިން މެޗްގައި ޖެހި 10ވަނަ ގޯލް މެޗްގެ 80ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޒައިން ޒަފަރުއެވެ. މިގޯލްއާއިއެކު ޒައިންވެސްވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އީގަލްސްއިން އެޓީމުގެ 11ވަނަ ގޯލް ޖަހާފައިވަނީ މެޗްގެ އިތުރުވަގުތުގެ ތެރޭގައެވެ. މިގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ސަމާޙު މޫސާއެވެ.
ޔޫތް ޗެންޕިއަންޝިޕްގެ ސެމީ ފައިނަލްގައި އީގަލްސް ނިކުންނާނީ ގްރޫޕް ބީން ދެ ވަނަ ހޯދި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މިމެޗް ކުޅޭނީ އަންނަ ބުދަ ދުވަހު ހަވީރެވެ.