ޚަބަރު

ރާއްޖޭގައި ބާއްވާ ފުރަތަމަ ޔޮޓް ރެލީ "ސަވާދީއްތަ ދަތުރު" ފަށައިފި


ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާޞަބަތާއި ގުޅުވައިގެން ބާއްވާ ޔޮޓް ރެލީ "ސަވާދީއްތަ ދަތުރު" ހއ.ހޯރަފުށިން ފަށައިފިއެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާޞަބަތާއި ގުޅުވައިގެން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެމް.އައި.ޓީ.ޑީ.ސީއާއި މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަދި އެމް.އެން.ޑީ.އެފްގެ ސިވިކް ކުންފުންޏާއި ގުޅިގެން ބާއްވާ ރެލީއެކެވެ.

12 ޔޮޓާއިއެކު ފެށި މި ދަތުރުގައި ރާއްޖޭގެ ފަސް އަތޮޅެއްގެ 14 ރަށަކަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހއ އަތޮޅުގެ އުލިގަން، ހޯރަފުށި، މަތީރަށް، ބިލެއްދޫތިލަ، ގަލަންދޫ، އިހަވަންދޫ، ބާރަށް ، އުތީމް ހިމެނެއެވެ، އަދި ހދ ނޮޅިވަރަންފަރު، ށ އަތޮޅުން ފުނަދޫ، ފަރުކޮޅު، ނަލަންދޫ ހިމެނެއެވެ. އަދި ނ އަތޮޅުން ދަތުރު ކުރަން ހަމަޖެހިފައިވަނީ ލަންދޫ އާއި މަނަދޫ އަށެވެ. އަދި ރާއްޖޭގައި ލިޔެލާ ޖެހުމުގެ މަސައްކަތުގައި ފާހަގަ ކޮށްލެވޭ ބ.ތުޅާދޫވެސް ހިމެނެއެވެ.

ސަވާދީއްތަ ދަތުރު ފެއްޓެވުމަށްޓަކައި ހޯރަފުށީގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބައްވާފައެވެ. މިރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރ ޑޮކްޓަރ ޢަބްދުﷲ މަޢުސޫމް އާއި މިނިސްޓްރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން އާއި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރް އިބްރާހީމް ޙަސަން އާއި އެމް.އައި،ޓީ،ޑީ،ސީގެ އެމް.ޑީ މުޙައްމަދު ރާއިދު އަދި އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ ކެތެރިން ހެޒްވެލް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހއ.ހޯރަފުށީން ފެށިގެން ދިޔަ "ސަވާދީއްތަ ދަތުރު" މި ރެލީގެ ބައިވެރިންނަށް ހާއްސަ ޕާސްޕޯޓެއް ވަނީ ތައާރަފްކޮށްފައެވެ. ދަތުރުގެ ކޮންމެ ބައިވެރިއަކަށް، ރަމްޒީ ހަދިޔާއެއްގެ ގޮތުގައި ދިން މި ޕާސްޕޯޓްގައި ކޮންމެ ރަށަކަށް ދިއުމުންވެސް އެ ރަށަކަށް ޒިޔާރަތްކުރި ކަމުގެ ސްޓޭމްޕެއް ޖަހާނެއެވެ. މި ރެލީގައި ބައިވެރިފެއިވަނީ ރާއްޖެއިން ބޭރުގެ ފަރާތްތައް އެކަންޏެވެ. މި ޕާސްޕޯޓް ދޫކޮށްފައި ވަނީ 1000 ޑޮލަރުގެ ފީއެއް ދައްކައިގެން ރެލީގައި ބައިވެރިވިި، 12 ޔޮޓުގެ 34 ފަތުރުވެރިއަކަށެވެ.

އެމް.އައި،ޓީ،ޑީ،ސީގެ އެމް.ޑީ މުޙައްމަދު ރާއިދު ވިދާޅުވީ ހޯމްސްޓޭ ފެށުމަށްޓަކައި ފެށި މި ރެލީގައި ދުނިޔޭގެ މަޝްހޫރު ސެލިބްރިޓީ ޔޮޓް، "ސެއިލިން ޒަޓާރާ"، އަދި "ސެއިލިން އެކުއޭރިއަސް" އާއި އަދި މީގެ އިތުރުން ފްރާންސްއާއި، ތައިލޭންޑާއި، އެމެރިކާ، އިންޑިއާ އަދި މެލޭޝިޔާގެ ބައެއް ޔޮޓުތައް މި ދަތުރުގައި ބައިވެރިވެފައިވާކަަމަށެވެ. މި ދަތުރުގައި އެމްއައިޓީޑީސީީގެ އެންމެ ބޮޑު އަމާޒަކީ ރަށްރަށުގެ ސަގާފަތާއި ތާރީހާއި އާދަކާދަތަކަށް ފަތުރުވެރިންނަށް ދައްކުވާ މިފަދަ މަޝްހޫރު މީހުން މެދުވެރިކޮށް ރާއްޖެ މުޅި ދުނިޔެއަށް ދައްކާލައި، ރާއްޖޭގެ ސަގާފަތާއި ތާރީހާއި ރާއްޖޭގެ ރީތި މަންޒަރުތައް މުޅި ދުނިޔޭގައި އިޝްތިހާރުކުރުންކަމަށެވެ.