ދުނިޔޭގެ ވިޔަފާރި

ސަޢުދީން މާޗުމަހު އޭޝިއާއަށް ތެޔޮ ވިއްކާ އަގު ބޮޑުކޮށްފި


ދުނިޔޭގެ އެންމެ ގިނަ ޢަދަދަކަށް ތެޔޮ ވިއްކާ ޤައުމުކަމަށްވާ ސަޢުދީ ޢަރަބިއްޔާއިން، އަންނަ މާރިޗުމަހު އޭޝިއާ ސަރަޙައްދަށް ތެޔޮ ވިއްކާ އަގު ބޮޑުކުރުމަށް ނިންމައިފިއެވެ.

ސަޢުދީގެ ރަސްމީ ޔެތޮ ކުންފުނި "އަރަމްކޯ" އިން ބުނެފައިވަނީ، ސާފުނުކުރާ ތެލުގެ ހުރިހާ ގްރޭޑަކުންވެސް، ފެބްރުއަރީއަށް ވުރެ މާރިޗުމަހު، އޭޝިއާއަށް ތެޔޮ ވިއްކާ އަގު ބޮޑުކޮށްފައިވާކަމަށެވެ.

ތެލުގެ އަގު ބޮޑުކުރިކަން ސަޢުދީއިން އިޢުލާންކޮށްފައިވާއިރު، މި ބަދަލުގެންނާނެކަމަށް ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން މީގެ ކުރިން ވަނީ ލަފާކޮށްފައެވެ. އެގޮތުން ތެޔޮ ސާފުކުރުމުގެ މަސައްކަތްކުރާ 7 ފަރާތެއް ހިމަނައިގެން ރޮއިޓަރސް އިން މިދިޔަ ޖަނަވަރީމަހު ހެދި ސާރވޭއަކުން، މާރިޗުމަހު ސަޢުދީ ތެލުގެ ފީފާއަކުން 60 ސެންޓް އަގު ބޮޑުކުރާނެކަމަށް ލަފާކޮށްފައިވެއެވެ.

ސަޢުދީއިން އޭޝިއާގެ ކަސްޓަމަރުންނަށް ތެޔޮ ވިއްޔާ އަގަށް ގެނައި ބަދަލަށް ބަލާއިރު، މީޑީއަމް އަދި ހެވީ ގްރޭޑުން ފީފާއަކުން 70 ސެންޓް ބޮޑުކޮށްފައިވެއެވެ. އަދި ލައިޓް ގްރޭޑުން ފީފާއަކުން 60 ސެންޓު ބޮޑުކޮށްފައިވުމުން، މި ކޮލިޓީގެ ތެޔޮ ގަންނަން ލިބޭނީ އޮމާން އާއި ދުބާއީގައި މި ތެޔޮ ޢާއްމުކޮށް ވިއްކާ އަގަށްވުރެ ފީފާއެއް 2.80 ޑޮލަރު އަގު ބޮޑުކޮށެވެ.

މީގެ އިތުރުން ސުޕަރ ލައިޓް އާއި އެކްސްޓްރާ ލައިޓް ގްރޭޑްތަކުގެ ތެލުގެ ކޮންމެ ފީފާއަކުން 30 ސެންޓާއި 40 ސެންޓާއިދެމެދުގެ ޢަދަދަކަށް އަގުބޮޑުކޮށްފައިވެއެވެ.

ތެލުގެ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ހާމަކުރާގޮތުގައި ތެލުގެ އަގު ބޮޑުވެފައިވަނީ އޭޝިއާ ސަރަޙައްދުގައި ތެލަށް އޮތް ޑިމާން އިތުރުވެފައިވާތީއެވެ. އަދި މި ބަދަލާއެކު ޑީސެލް އާއި ކަރާސީނުތެލުގެ އަގުތައްވެސް ބޮޑުވެގެންދާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.