ކުޅިވަރު

ޕެނަލްޓީގައި ބަލިވެ ޔުނައިޓަޑް އެފްއޭކަޕުން ކަޓައިފި


ޕެނަލްޓީ ޖަހައިގެން މިޑްލްސްބަރާ އަތުން ބަލިވެ، މެންޗެސްޓަރ ޔުނައިޓެޑް އެފްއޭ ކަޕުން ކަޓައިފިއެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމު ވެސް ވަނީ 1 ލަނޑު ޖަހާފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މިޑްލްސްބަރާއިން ކުރި ހޯދީ 8 ލަނޑު 7 ލަނޑުންނެވެ.

ޔުނައިޓެޑް ދަނޑުގައި ކުޅުނު މިމެޗް ކުރީކޮޅުގައި ލީޑް ނެގުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ. ނަމަވެސް ލިބުނު ފުރުސަތުގެ ބޭނުން ރޮނާލްޑޯއަށް ހިފޭ ގޮތެއް ނުވިއެވެ. ރޮނާލްޑޯ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ. އަދި މިފުރުސަތަށްފަހުވެސް ރޮނާލްޑޯއަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭ ގޮތެއް ނުވިއެވެ. އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރެފައި ކުޅެން ނިކުތް ޕޮގްބާ ކުރި ފައުލަކާއި ގުޅިގެން ޔުނައިޓެޑަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. މެޗްގެ 20ވަނަ މިނެޓްގައި ރޮނާލްޑޯ ފޮނުވާލި ޕެނަލްޓީ އޭނާއަށް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. ނަމަވެސް މެޗްގެ 25ވަނަ މިނެޓްގައި ޔުނައިޓަޑުން ވަނީ ގޯލެއް ޖަހާ ލީޑް ނަގާފައެވެ. މިލަނޑު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ޖޭޑަން ސަންޗޯއެވެ.

މެޗްގެ ދެވަނަ ހާފަށް ނިކުތްއިރު ޔުނައިޓަޑް ލީޑްގައި އޮތުމުން މިޑްލްސްބަރާއިން ވަނީ ގޯލެއް ޖެހުމަށް ވަރަށް މަސައްކަތްކޮށް، ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗްގެ 64ވަނަ މިނެޓްގައި މިޑްލްސްބަރާގެ މެޓް ކްރޫކްސް ވަނީ ގޯލެއްޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޓް ކްރޫކްސް މިގޯލް ޖެހުމުގެ ކުރިން އެޓީމްގެ ޑަންކަން ވަޓްމޯ އަތުގައި ބޯޅަ ޖެހުނުކަމަށް ޔުނައިޓަޑްގެ ކުޅުންތެރިން ބުނި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ރެފްރީވަނީ އެއީ ގޯލެއްކަމަށް ނިންމާފައެވެ. ޔުނައިޓެޑަށް ގޯލް ޖެހުމަށް މެޗްގައި ރަގަނޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް މެޗްގެ ފުރިހަމަ ވަގުތު ހަމަވީއިރުވެސް، ޔުނައިޓެޑަށް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.

ޕެނަލްޓީގައި މިޑްސްބަރާއިން ޖެހި 8 ޕެނަލްޓީ އެޓީމުން ކާމިޔާބުކުރިއެވެ. ޔުނައިޓެޑަށް ކާމިޔާބުކުރެވުނީ 7 ޕެނަލްޓީއެވެ. ޔުނައިޓެޑުން އެންމެ ފަހުން ޖެހި ޕެނަލްޓީ އެލަންގާއަށް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. އެލަންގާ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާއި ސީދާނުވެ ބޭރަށެވެ. މިމެޗުން މޮޅު މިޑްލްސްބަރާ މޮޅުވިއިރު، މިއީ އެންމެ ފަހުން ޕްރިމިއާ ލީގުގެ ޓީމުތަކާ ދެކޮޅަށް އެފްއޭ ކަޕްގައި މިޑްލްސްބަރާ އިން ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވި 2 ވަނަ ފަހަރެވެ.