ވިޔަފާރި

އުރީދޫގެ ފައިދާއިން ހިއްސާއަކަށް 2.70 ބަހަން ބޯޑުން ނިންމައިފި


އުރީދޫ މޯލްޑިވްސްއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ޙިއްސާއަކަށް 2.70 ބަހަން ނިންމައިފިއެވެ. މިގޮތައް ނިންމާފައިވަނީ މިމަހުގެ 3ވަނަ ދުވަހު ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ އެ ކުންފުނީގެ 2021ވަނަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ މިމަހުގެ 17ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ޙިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށްކަމަށެވެ.

އުރީދޫގެ ހިއްސާއަކަށް 2.70 ބަހަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމިނަމަވެސް މިގޮތައް ފާސްވާނީ އަހަރީ ޢާންމު ޖަލްސާގައި ޙިއްސާދާރުންގެ ވޯޓުން ފާސްވުމުންނެވެ. އުރީދޫއިން ބުނީ އަހަރީ ޢާންމު ޖަލްސާގައި ފާސްކުރުމުން މިއަހަރުގެ މާރޗް މަހުގެ ތެރޭގައި ހިއްސާގެ ފައިދާ ހިއްސާދާރުންނަށް ބަހަންފަށާނެކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާއްމު ޖަލްސާ އޮންނާނީ މާޗުމަހުގައިކަމަށް އެ ކުންފުނިން މިހާރު ވަނީ އިއުލާންކޮށްފައެވެ. މިދިޔަ އަހަރު އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 2.34 ރުފިޔާ ބަހަން ފާސްކުރިއެވެ. އެހެންކަމުން މިއަހަރުގެ އުރީދޫގެ ހިއްސާއަކަށް ބަހަން ޑިރެކްޓަރުންގެ ބޯޑުން ހުށައަޅާފައިވަނީ މިދިޔަ އަހަރަށްވުރެ 36 ލާރި އިތުރު ޢަދަދެކެވެ.