ދުނިޔެ

ރަޝިޔާއާ ތުރުކީއާ ދެމެދު އަނެއްކާވެސް އެހެން މައްސަލައެއް!


ތުރުކީވިލާތުން ރަޝިޔާއަށް ވައިގެ ދަތުރުތައް ކުރާ ބަޖެޓް އެޔަރލައިނެއް ކަމަށްވާ ޕެގަސަސްގެ މަތިންދާބޯޓެއްގެ ފަޅުވެރިންނަށް ވިސާ ދިނުމަށް ރަޝިޔާއިން ދެކޮޅު ހެދި މައްސަލަ ތުރުކީވިލާތުން ކުށްވެރިކޮށްފިއެވެ.ތުރުކީވިލާތުގެ ވެރިރަށް އަންކާރާގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ތުރުކީވިލާތުގެ ދަތުރުފަތުރާއި ބެހޭ ވަޒީރު ބިނާލީ ޔިލްދްރިމް ވިދާޅުވީ، މަތިންދާބޯޓެއްގެ ފަޅުވެރިންނަށް ވިސާ ދިނުމަށް ދެކޮޅު ހެދުމަކީ ބައިނަލްއަޤްވާމީ ވައިގެ އުދުހުންތަކާއި ބެހޭ ޤާނޫނުތަކާއި ޚިލާފު ކަމެއް ކަމަށާއި މިއީ ތުރުކީވިލާތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި ޑިޕްލޮމެޓިކް މަގުތަކުން މިމައްސަލައަށް ހައްލެއް ހޯދުމަށް ތުރުކީވިލާތުން މަސައްކަތް ކުރާނެ ކަމަށް ވެސް ތުރުކީގެ ދަތުރުފަތުރާ ބެހޭ ވަޒީރު ވިދާޅުވިއެވެ.ޕެގެސަސްއިން ވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެއައާރލައިނުން ރަޝިޔާއަށް ކުރާ ދަތުރުތައް މެދުކަނޑާލާފައެވެ. ސޫރިޔާގެ މަތިން ދަތުރުކުރަމުން ދަނިކޮށް ތުރުކީވިލާތުން ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާ ބޯޓު ވައްޓާލި މައްސަލައިގައި ދެ ގައުމުގެ ދެމެދު ވަނީ ޚިޔާލު ތަފާތުވުންތައް އުފެދިފައެވެ.