ޚަބަރު

ޖަނަވަރީމަހު ރާއްޖެއަށް އައިސްފައިވަނީ 131،764 ފަތުރުވެރިން


މިދިޔަމަހު ރާއްޖެއަށް 131000އަށްވުރެ ގިނަ ފަތުުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ހަފްތާއަކު އެއް ފަހަރު ނެރޭ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުގައިވާގޮތުން، މިއަހަރުގެ ޖަނަވަރީމަހު ރާއްޖެއަށްވަނީ 131764 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 92103 ފަތުރުވެރިންނާއި އަޅާ ބަލާއިރު %43 އިތުރު ޢަދަދެކެވެ.

ތަފާސްހިސާބުތަށް ދައްކާގޮތުން މިމަހުގެ ފުރަތަމަ 2 ދުވަހު ރާއްޖެއަށްވަނީ 7791 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި ޢަދަދަކީވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %56 އިތުރު ޢަދަދެކެވެ. މިއާއެކު އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ ޖުމްލަ 139555 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރާގޮތުގައި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 3896 ފަތުރުވެރިން ރާއްޖެއަށް އާދެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން ޢާއްމުގޮތެއްގައި 9 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ.

ތަފާސްހިސާބުތަށް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ ޢަދަދަކަށް އަންނަނީ ރަޝީއާ ފަތުރުވެރިންނެވެ. އަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށްވަނީ 24464 ފަތުރުވެރިން އައިސްފައެވެ. ދެވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަނީ އިނގިރޭސިވިލާތުންނެވެ. އެޤައުމުން ރާއްޖެއަށްވަނީ 14276 ފަތުރުވެރިން އައިސްފައިވެއެވެ.

މިދިޔަ އަހަރު ނިމުނު އިރު، ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެހެން ނަމަވެސް އިންޑިއާ އަކީ މިހާރު ރާއްޖެއަށް ތިންވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ. އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ވަނީ 11438 ފަތުރުވެރިން އައިސްފައެވެ.

ރާއްޖެއިން ވަނީ މިއަހަރުތެރޭ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒް ހިފާފައެވެ. އަދި މި އަމާޒް ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ފަތުުރުވެރިކަން ދުނިޔެއަށް އިސްތިހާރުކޮށް ޕްރޮމޯޓުކުރުމަށްޓަކައި ސަރުކާރުންނާއި އަމިއްލަ ކުންފުންފުނިތަކުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.