ތިންވަނަ ފަހަރަށް އުރީދޫއިން އެކުންފުނީގެ ބްރޭންޑް އެމްބެސެޑަރަކަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް ހަމަޖައްސައިފިއެވެ. މި ޕާޓްނަރޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސް އާއި މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބް ގުޅިގެން ރާއްޖޭގެ ހުރިހާ މުޖުތަމައެއްގައި ފުޓުބޯޅަ ކުރިއެރުވުމަށް ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ހުނަރު ބިނާކުރުމާއި އަދި ފުޓުބޯޅައިގެ ފޯރި ދިރުވައި އާލާކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ.
1996 ވަނަ އަހަރު އުފެދުނު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ވަނީ ފާއިތުވި އަހަރުތަކުގައި ފާހަގަކުރެވޭ ގިނަގުނަ ކާމިޔާބީތަކެއް ހޯދާފައެވެ. 2015 ވަނަ އަހަރު އެ ކްލަބުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިން ތަމްރީނުކޮށް ބިނާކުރުމަށް ތަޖުރިބާކާރު ޓްރެއިނަރުން ހިމެނޭ ގޮތަށް ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ކަމަށްވާ މާޒިޔާ ސްޕޯޓްސް ފުޓްބޯލް އެކަޑަމީ އިފްތިތާހުކޮށްފައެވެ. އުރީދޫއާއެކު ކުރިއަށްގެންދާ މި ޕާޓްނަރޝިޕްގެ ދަށުން، ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވުމަށާއި ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވުމަށް އެދޭ ޒުވާނުންނަށް އާ ފުރުސަތުތަކެއް ހޯދައިދިނުމަށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ފުޓްބޯލް އެކަޑަމީ ގުޅިގެން މަސައްކަތް ކުރާނެއެވެ.
މިއެއްބަސްވުމާބެހޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވީ ކުޅިވަރުގައި ބައިވެރިވުމަކީ އިތުބާރު ބޮޑުވެ، ދިރިއުޅުމުގައި ފޯކަސް އެއް ގާއިމް ކުރެވި، ކުރާ ކޮންމެ ކަމެއްގައި ވެސް ރަނގަޅު އަހުލާގީ މިންގަނޑުތަކެއް ހިފެހެއްޓުމަށް ލިބޭ ވަރަށް ބޮޑު ބާރެއްކަމަށެވެ. ފެށުނީއްސުރެވެސް ފުޓްބޯޅައަކީ ދިވެހިންގެ އިތުރުން އުރީދޫއާ ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ކުޅިވަރެއްކަމަށާއި އެހެންކަމުން މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބާއެކު މިއޮތް ޕާޓްނަރޝިޕްގެ ތެރެއިން، ޒުވާން ފުޓްބޯޅަ ކުޅުންތެރިންގެ ކާމިޔާބީއަށް މަގުފަހިވާނެ ގޮތަށް ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ޗެއާމަން އަޙުމަދު ސާޖިދު ވިދާޅުވީ އުރީދޫ މޯލްޑިވްސްއިން ތިންވަނަ ފަހަރަށް މާޒިޔާއާއިއެކު މެއިން ސްޕޮންސަރ އެއްގޮތުގައި ދެމި ތިބުމަކީ ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ. މި ޕާޓްނަރޝިޕާއެކު މުޖުތަމައުތަކަށް މަންފާކުރަނިވި މަސައްކަތްތަކެއް އުރީދޫ މޯލްޑިވްސްއާއެކު ކުރިއަށްގެންދިއުމަށް ވަނީ ރޭވިފަކަމަށް ސާޖިދު ވިދާޅުވިއެވެ.
ރާއްޖޭގައި ހޯސްޓްކުރި ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމީ ފުޓްބޯޅަ ޓީމުތައް ވާދަކުރާ އެންމެ ވަރުގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގެ 13 ވަނަ އެޑިޝަންގެ ޓައިޓަލް ސްޕޮންސަރަކީވެސް އުރީދޫ މޯލްޑިވްސްއެވެ.