ކުޅިވަރު

ސާފިން ޗެމްޕިއަންޝިޕާއި ބޮޑީ ބޯޑިން ވޯލްޑް ޓުއަރ މުބާރާތް ރާއްޖޭގައި ބާއްވަނީ - ރައީސް


މިއަހަރު ރާއްޖޭގައި އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އަދި ބޮޑީ ބޯޑިން ވޯލްޑް ޓުއަރ މުބާރާތް ބޭއްވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވަނީ ކުޅިވަރުގެ އުއްމީދީ އަހަރަކަށް މމި އަހަރުވަނެކަމަށް ވިދާޅުވެ، ބައެއް ބޮޑެތި މުބާރާތްތައް ރާއްޖޭގައި ބޭއްވޭނެކަމަށް ވިދާޅުވިއެވެ.

މިސަރުކާރު ހަވާލުވި ފަހުން ރާއްޖޭގައިވަނީ ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ މުބާރާތްތަކެއް ބާއްވާފައެވެ. އެގޮތުން ސާފް ޗެންޕިއަންޝިޕާއި އޭއޭފްސީ ކަޕްގެ ގޫރޫޕް ސްޓޭޖްގެ މެޗްގެ އިތުރުން ބެޑްމިންޓަންގެ ބައިނަލްއަގްވާމީ ދެ މުބާރާތަކާއި ބާސްކެޓްގެ ބައިނަލްއަގްވާމީ މުބާރާތެއްވެސް ރާއްޖޭގައި ވަނީ ބާއްވާފައެވެ. އަދި އެހެންގައުމުތަކުގެ ކުޅުންތެރިންނާއި ޓީމުތައް މާލެ ގެނެސްގެން ވަނީ އެކުވެރިކަމުގެ މެޗްތައްވެސް ކުޅެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވީ މޫދު ކުޅިވަރުގެ މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔެއަށް ދިވެހިރާއްޖެ ތައާރަފްކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށާއި އެކަމަށްޓަކައި މޫދު ކުޅިވަރުގެ ބައިނަލްއަގްވާމީ މުބާރާތްތަކެއް މި އަހަރު ރާއްޖޭގައި ބާއްވާނެކަމަށެވެ. އަދި މިއަހަރު ރާއްޖޭގައި އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އަދި ބޮޑީ ބޯޑިން ވޯލްޑް ޓުއަރ މުބާރާތް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.

"ދިވެހި ޒުވާނުންނަށް ލިބޭ ހަކަތައަކީ ގައުމުގެ ދުވެއްޔަށް ލިބޭނެ ހަލުވިކަން. އެހަލުވިކަން ހޯދުމަށްޓަކާ ކުޅިވަރުގައި ކުރި ފަޅަން ޖެހޭ ތަފާތު މައިދާނުން ތަށި އުފުލާލަން އެދޭ ޒުވާނުން ގިނަ. ޒުވާނުން ރަންވަނަ ހޯދުމުގެ ރީތިނަން ލިބެނީ ހުރިހާ ދިވެހިންނަށް. ގާއިމު ކުރެވޭ ތަފާތު ކުޅިވަރުގެ ވަސީލަތްތަކުގެ ސަބަބުން، ޒުވާނުންނަށް ކުރިއެރުން ލިބި، ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގާ ބާއްވަން ފަހިވާނެ." ރައީސް ވިދާޅުވިއެވެ.