ޚަބަރު

ސްކޫލް ހުޅުވުމުގެ ކުރިން ގާދޫ މީހުން ބަދަލުކުރެވޭނެ - މުއިއްޒު


ގާދޫ މީހުން މިއަހަރުގެ ދިރާސީ އައު އަހަރު ފެށުމުގެ ކުރިން ފޮނަދުއަށް ބަދަލުކުރެވިގެންދާނެ ކަމަށް ހައުސިންގް މިނިސްޓަރ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.



ހައުސިންގް މިނިސްޓްރީގެ އޮފިޝަލުންތަކެއް މިހާރުވެސް ލ. ފޮނަދޫ އަދި ގާދޫ ގައި ހަރަކާތްތެރިވެވަޑައިގަންނަވައެވެ. މީހުން ބަދަލުކުރުމުގައި މިހާރު ލަސްވަމުންދަނީ ފޮނަދޫގައި އަޅާފައިވާ ގެތަކަށް ކަރަންޓްލުމާއި، ނަރުދަމާގެ މަސައްކަތް އެއްކޮށް ނުނިމިގެންނެވެ. ގާދޫ މީހުން ބަދަލު ކުރެއްވުމަށް ފޮނަދޫގައި މިހާތަނަށް އަޅުއްވާފައިވަނީ 85 ގެއެވެ. ބާކީ އިތުރަށް ޢިމާރާތްކުރައްވަންޖެހޭ ގެތަކުގެ މަސައްކަތް ނިމެންދެން އެ ޢާއިލާތައް އުޅޭނެ ތަންތަން ހައުސިންގ މިނިސްޓްރީން ހަމަޖައްސަވާނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.



 ރޭގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ހައުސިންގ މިނިސްޓަރ ޑރ.މުއިއްޒު ވިދާޅުވީ، ސްކޫލް ހުޅުވެންވާއިރަށް ފޮނަދޫއިން ތަންތަން ކުއްޔަށް ހިފުމަށްފަހުވެސް ގެތައް ނުލިބޭމީހުން ބަދަލުކުރައްވާނެކަމަށެވެ. އެ ގެތަކަށް ކުލި ދައްކަވާނީ ވެސް ހައުސިންގް މިސްޓްރީންނެވެ. މިގޮތަށް މީހުން ބަދަލުކުރުމަށް ނިންމީ ގާދޫ ރައްޔިތުންގެ ވެސް ރުހުމާއިއެކުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.



ފޮނަދުއަށް ބަދަލުވުމަށް ގާދޫގެ ކޮންމެ ޢާއިލާއަކަށް ދެއްވުމަށް ސަރުކާރުން ނިންމަވާފައިވާ، 60,000 ރުފިޔާ، ފޮނަދުއަށް ބަދަލުވާ ދުވަހު ޢާއިލާތަކާއި ޙަވާލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އެ ރަށުގެ ރަޖިސްޓްރީގައި ހިމެނޭ މީހުންގެ ޢަދަދަކީ ގާތްގަނޑަކަށް 400 އެވެ. މީގެތެރެއިން ރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް 170 މީހުންނެވެ.