ޚަބަރު

އަންނަ ހޯމަދުވަހު ސްޓޫޑެންޓް ލޯނުގެ އިތުރު 720 ފުރުޞަތު ހުޅުވާލަނީ


ސަރުކާރުގެ އެހީގައި ލޯނު ނަގައިގެން އެތައް ދަރިވަރުންނެއް އަންނަނީ ރާއްޖެއިން ބޭރުން އެ ދަރިވަރަކު ބޭނުން ދާއިރާއަކުން މަތީ ތަޢުލީމަށް ކިޔަވަމުންނެވެ. ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމަކީ މާލީ ތަނަވަސްކަން ނެތް ނިކަނެތިންގެ ދަރިންނަށް ކުރެވޭ ކަމެއް ނޫނެވެ. ނަމަވެސް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދަރިވަރުންނަށް ލޯނު ދިނުމުގައި މާލީ ތަނަވަސްކަން ނެތް މީހުންނާއި، ނުކުޅެދުންތެރިކަން ހުރި މީހުންނަށް އިސްކަން ދެއްވައެވެ. މިގޮތުން މި ނިމިދިޔަ 2021 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ޙާޞިލުކުރުމަށް ބޭނުންވާ 1,500 އަށްވުރެ ގިނަ ދަރިވަރުންނަށް ލޯނު ދިނެވެ. މި ފުރުޞަތު އިތުރަށް ދިނުމަށްޓަކައި ސަރުކާރުން އަނެއްކާވެސް މިވަނީ އަންނަ ހޯމަދުވަހު ސުޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލުމަށް ނިންމަވާފައެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ މަތީ ތަޢުލީމުގެ އުސް ހަރުފަތަކީ ހުސްވާ އެއްޗެއް ނޫންކަމަށާއި މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތުތައް އިތުރުކޮށްދެއްވަމުން ގެންދަވާނެކަމަށެވެ. މިގޮތުން އަންނަ ހޯމަ ދުވަހު ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން އިތުރު 720 ފުރުޞަތު ހުޅުވާލާނެކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖެއަށް ބޭނުންވާ ތަފާތު ދާއިރާތަކުން ދިވެހި ޕްރޮފެޝަނަލުން އުފެއްދުމުގެ މަސައްކަތް ކުރައްވަމުން އަންނަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިހާރުވެސް ދިވެހި ޑޮކްޓަރުން އިތުރުކުރުމަށް 124 ދަރިވަރުންނަށް ލޯނު ދޫކޮށްފައިވާކަމަށެވެ. މީގެ އިތުރަށް 1,150 ޕްރޮފެޝަނަލުން އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން އައި.ސީ.ޓީ. އަދި އެކައުންޓިންގ ޕްރޮފެޝަނަލުން ބިނާކުރުމުގެ މަސައްކަތް، މި މަހުން ފެށިގެން ކުރިއަށްދާނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

މަތީތަޢުލީމަށް ކިޔެވުމަށްޓަކައި ލޯނު ދިނުމުގެ އިތުރަށް ސަރުކާރުގެ ޚަރަދުގައި ކިޔެވުމުގެ ފުރުޞަތު ވަނީ ރައީސް ވެރިކަމާ ހަވަލުވެވަޑައިގެން ފުރަތަަމަ 100 ދުވަހުގެ ތެރޭގައި ހުޅުވާލާފައެވެ. މިކަމުގެ ފޮނި ނަތީޖާ އިންތިހާއަށް ފެނިގެންދާއިރު ކޮލެޖް ނުވަތަ ޔުނިވަރސިޓީގެ ޑިގްރީ ޕްރޮގްރާމްތަކުން މިހާތަނަށް 12,730 އަށްވުރެ ގިނަ ދަރިވަރުންނަށް ފުރުޞަތު ވަނީ ދީފައެވެ. މި ޕްރޮގްރާމްގެ ތެރެއިން 2127 ދަރިވަރުން މިހާރުވެސް ވަނީ ޑިގްރީ ފުރިހަމަކޮށްފައެވެ. ރައީސް ވިދާޅުވީ މި ފުރުޞަތުތައް ފަހިކުރަމުން ގޮސް 2023ގެ ނިޔަލަށް 5,000 އަށްވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ހަދައިގެން، ޤައުމު ބިނާކުރުމަށް ނުކުންނާނެކަމަށެވެ. އަދި އެއަށްފަހު، ކޮންމެ އަހަރަކު މަދުވެގެން 2,000 ކުދިން ޑިގްރީ ހަދައިގެން ޤައުމީ ޚިދުމަތަށް ނުކުންނާނެކަން ރައީސް ވިދާޅުވިއެވެ.

"މިހާރު މިކުރާ ކަމަކީ، މަތީ ތަޢުލީމަށް އޮތް ގަނެވިއްކުމުގެ ވިޔަފާރި ބަންދުކުރުން. ހިތްވަރެއްހުރި ކޮންމެ ދަރިޔަކަށް ސަރުކާރުގެ ޚަރަދުގައި ހިލޭ ޑިގްރީއެއް ލިބޭނެގޮތް ހެދުން. އެކަން އަޅުގަނޑުމެން ކޮށްފިން."ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ކޮންމެ ދަރިވަރަކަށްވެސް އެ ދަރިވަރަކު ހުރި ސަރަހައްދުން ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުމަށްވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. ޚާއްސަ ގޮތެއްގައި އެއްވެސް ކުއްޖަކު ބާކީނުކޮށް މަތީ ތަޢުލީމްގެ ފުރުޞަތުތައް އަންނަނީ ފަހިކޮށްދެއްވަމުންނެވެ. މިކަމަށް ވާޞިލްވުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުގައި ޓިވެޓް ސެންޓަރުތަކާއި، ޖޫނިއަރ ކޮލެޖް އަދި ޕޮލިޓެކްނިކް ޤާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ހއ. ދިއްދޫ ޖޫނިއަރ ކޮލެޖް އަދި ރ. އަލިފުށީ ޓިވެޓް ސެންޓަރު ބިނާކުރުމުގެ މަސައްކަތް މިއަހަރު ހިނގާނެއެވެ. މީގެއިތުރުން ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖާއި، ތުލުސްދޫގެ ޕޮލިޓެކްނިކް ޢިމާރާތް ކުރުމުގެ މަސައްކަތް މިހާރު ވަނީ އިޢުލާނުވެސް ކޮށްފައެވެ.