ޚަބަރު

އެމެރިކާއިން ޢަރަބިންނަށް އެތައް ބިލިޔަން ޑޮލަރެއްގެ ހަތިޔާރު ވިއްކަނީ


މެދުއިރުމަތީގައި ހިމެނޭ އެމެރިކާގެ ޢަރަބި ބައިވެރިންނަށް އެތައް ބިލިޔަން ޑޮލަރެއްގެ އަގުހުރި ހަތިޔާރު ވިއްކަން ނިންމާފައިވާކަމަށް އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުނެފިއެވެ.

އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމުގައި އުފައްދާފައިވާ ޒަމާނީ ހަތިޔާރު ވިއްކަން ނިންމާފައިވާ ޤައުމުތަކުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާއާއި ޔޫއޭއީއާއި އުރުދުން ހިމެނޭކަމަށެވެ. އެ ގޮތުން އެމެރިކާއިންވަނީ އެފް16 މަރުކައިގެ ހަނގުރާމަމަތީ 70 މަތިންދާބޯޓާއި ދިފާޢީ އާލާތްތައް އުރުދުންނަށް ވިއްކުމަށް ނިންމައިފައެވެ. އޭގެ އަގު 4.21 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް އެ ވުޒާރާއިންވަނީ ބުނެފައެވެ. އޭގެ އިތުރުން ސަޢުދީ ޢަރަބިއްޔާގެ މިސައިލުން ދިފާޢުވުމުގެ ނިޒާމު އިތުރަށް ތަރައްޤީކުރުމަށް 23.7 މިލިޔަން އެމެރިކާ ޑޮލަރުގެ ސާމާނު އެ ޤައުމަށް ފޯރުކޮށްދިނުމަށް އެމެރިކާއިންވަނީ ނިންމައިފައެވެ. އަދި ޔޫއޭއީގެ މިސައިލުން ދިފާޢުވުމުގެ ނިޒާމު އިތުރަށް ތަރައްޤީކުރުމަށް 30 މިލިޔަން އެމެރިކާ ޑޮލަރުގެ ސާމާނު ފޯރުކޮށްދިނުމަށްވެސް އެމެރިކާއިންވަނީ ނިންމައިފައެވެ. ފާއިތުވި ހަފުތާތަކުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީއަށްވަނީ ޔަމަނުގެ އިދިކޮޅު ޚޫޘީ ޖަމާޢަތުގެ މިސައިލް ޙަމަލާތަކަކާ ކުރިމަތިލާން ޖެހިފައެވެ.

މެދުއިރުމަތީގައި ހިމެނޭ ޢަރަބި ބައިވެރިންނަށް ޒަމާނީ ހަތިޔާރު ވިއްކުމަށް އެމެރިކާއިން ނިންމާފައިވަނީ ޢަރަބިންނާއި ޔަހޫދީންނާ ގުޅިގެން ގަލްފު ސަރަޙައްދާއި ޢަރަބި ކަނޑާއި ރަތް ކަނޑާއި އުތުރު އިންޑިޔާ ކަނޑުގައި އަސްކަރީ ފަރިތަކުރުންތަކެއް ބާއްވަމުންދާ ދަނޑިވަޅެއްގައެވެ. އެ ފަރިތަކުރުންތަކުގައި ސަޢޫދީ ޢަރަބިއްޔާއާއި ޔޫއޭއީއާއި އުރުދުންވެސް ބައިވެރިވެއެވެ.