ޚަބަރު

ބަޣްދާދީއަށްފަހު އައިއެސް ޖަމާޢަތާ ޙަވާލުވި ޤުރައިޝީވެސް މަރާލައިފި


ޙައްދުފަހަނައަޅާފައިވާ އައިއެސް ޖަމާޢަތުގެ އެންމެ އިސްވެރިޔާ އަބޫ އިބްރާހީމު އަލްހާޝިމީ އަލްޤުރައިޝީއާއި އޭނާގެ ޢާއިލާ މަރުވެފައިވަނީ އަމިއްލައަށްކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ޢުމުރުން 49 އަހަރުގެ ޤުރައިޝީ އައިއެސްގެ އެންމެ އިސްވެރިޔާގެ މަޤާމާ ޙަވާލުވެފައިވަނީ 2019ވަނަ އަހަރުގެ ތެރޭގައި އެ ޖަމާޢަތުގެ އެންމެ އިސްވެރިޔާގެ މަޤާމުގައި ހުރި އަބޫބަކުރު އަލްބަޣްދާދީ މަރުވުމުންނެވެ. ސޫރިޔާގައި ބަޣްދާދީ ފިލައިގެން އުޅުނު ސަރަޙައްދަށް އެމެރިކާގެ ސިފައިން ޙަމަލާ ދޭން ފެށުމުން އޭނާވެސް މަރުވެފައިވަނީ އަމިއްލައަށެވެ. އައިއެސްގެ އެންމެ އިސްވެރިޔާގެ މަޤާމަށް ޤުރައިޝީ ޢައްޔަންކޮށްފައިވަނީ އޭގެ ހަތަރު ދުވަސްފަހުންނެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރުގައި ހުންނަވައި ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ ޤުރައިޝީއާ ދެކޮޅަށް އެމެރިކާގެ ސިފައިން ވަރަށް ކާމިޔާބު އަސްކަރީ ޙަރަކާތެއް ހިންގައި ނުރައްކާތެރި މުޖުރިމެއް ނައްތާލެވިފައިވާކަމަށެވެ. ބައިޑަން ވިދާޅުވި ގޮތުގައި ޤުރައިޝީ ފިލައި އުޅުނު ގެޔަށް އެމެރިކާގެ ސިފައިން ޙަމަލާ ދޭން ފެށުމުން އެ ގޭގެ ތިންވަނަ ފަންގިވިލާގައި ހުރެފައި ބޮމެއް ގޮށްވާލީކަމަށެވެ. އެ ބޮން ގޮވުމުން ޤުރައިޝީއާއި އޭނާގެ ދެ އަނބިންނާއި ދަރިއަކު މަރުވިކަމަށެވެ. އަދި އެ ގޭގެ ދެވަނަ ފަންގިފިލާގައި ތިބި އައިއެސްގެ އިސް އަސްކަރީވެރިޔަކާއި އޭނާގެ އަނބިމީހާވެސް އެމެރިކާ ސިފައިންނާ ބަދަލުކުރި ޙަމަލާތަކުގައި މަރުވެފައިވާކަމަށް ބައިޑަންވަނީ ވިދާޅުވެފައެވެ.

ސޫރިޔާގެ އިދްލީބުގައި ޤުރައިޝީއާ ދެކޮޅަށް އެމެރިކާގެ އަސްކަރިއްޔާއިން ދިން ޙަމަލާތަކުގައި 13 މީހުން މަރުވެފައިވެއެވެ. އޭގެ ތެރޭގައި ހަތަރު އަންހެނުންނާއި ހަ ކުޑަކުދިން ހިމެނެއެވެ. ނަމަވެސް އެމެރިކާއިން ބުނެފައިވާ ގޮތުގައި އެ މީހުން މަރުވެފައިވަނީ ޤުރައިޝީ ގޮށްވާލި ބޮމުގެ ސަބަބުންނާއި އައިއެސްގެ ހަނގުރާމަވެރިންގެ ޙަމަލާތަކުގެ ސަބަބުންނެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައި އައިއެސްގެ އެންމެ އިސް ދެވެރިން މަރާލުމުން އެ ޖަމާޢަތުގެ ކުރިމަގާމެދުވަނީ ސުވާލުއުފެދިފައެވެ. 2014ވަނަ އަހަރުގެ ތެރޭގައި ސޫރިޔާއާއި ޢިރާޤުގެ ބޮޑެތި ސަރަހައްދުތަކެއް އެ ޖަމާޢަތުގެ ބާރުގެ ދަށުގައި އޮތް ނަމަވެސް އެމެރިކާ އިސްވެ އުފެއްދި އަސްކަރީ އިއްތިޙާދުންވަނީ 2017ވަނަ އަހަރުގެ ތެރޭގައި އެ ސަރަޙައްދުތައް މިނިވަންކޮށްފައެވެ. އެއާއެކު އައިއެސްގެ ބާރުތައް ގެއްލި އެ ޖަމާޢަތަށް އޮތް ތާޢީދުވެސްވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.