ޚަބަރު

އިއްޔެގެ ބަޔާނަކީ މިހާތަނަށް ރައީސަކު އިއްވެވި އެންމެ ފުރިހަމަ ރިޔާސީ ބަޔާން: ގާސިމް


ރައީސުލްޖުމްހޫރިއްޔާ މިއަހަރާށް މަޖިލިސް ހުޅުވުމުގެ ގޮތުން ދެއްވި ރިޔާސީ ބަޔާނަކީ ރައީސަކު މިހާތަނަށް މަޖިލީހަށް އިއްވި އެންމެ ފުރިހަމަ ބަޔާންކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިދައުރަށް މަޖިލިސް ހުޅުވުމަށް އިއްޔެ ބޭވި މިއަހަގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް އަލި އަޅުވާލައި ރައީސުލްޖުމްހޫރިއްޔާ ވަނީ 56 މިނިޓްގެ ރިޔާސީ ބަޔާނެއް ދެއްވާފައެވެ. އެމަނިކުފާނުގެ ބަޔާނުގައި ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި ސަރުކާރުން ހާސިލް ކުރެއްވި ކާމިޔާބީތަކާއި، އަދި މިދައުރުގެ ބާކީ އޮތް ދުވަސްތަކުގައި ކުރުމަށް އަމާޒު ހިފާފައިވާ ކަންކަން ވަނީ ރައްޔިތުންނާއި ހިއްސާ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނަށް ތައުރީފް ކުރައްވައި އިއްޔެ ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވީ، މިބަޔާނަކީ އުންމީދުން ފުރިގެންވާ، ރައްޔިތުންގެ މަސްލަހަތު ވަރަށް ބޮޑަށް އިސްކުރައްވާފައިވާ ބަޔާނެއްކަމަށެވެ.

އަދި މިބަޔާނަކީ މިހާތަނަށް ރައީސަކު މަޖިލީހަށް އިއްވި އެންމެ ފުރިހަމަ ބަޔާންކަމަށް ޤާސިމް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށާއި، ޚާއްސަ މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ޤާސިމް ވިދާޅުވީ، ރިޔާސީ ބަޔާނުގައި ރައީސްގެ ތަސައްވަރާއި، ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ އެތައް ކަމެއް ހިމެނޭކަމަށެވެ. މިމަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ޤާސިމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވަނީ އެކި ދާއިރާތަކުން ގެންނަވާނެ ބަދަލުތަކާއި، ރާއްޖޭގެ އިޤްތިޞާދާއި ކުރިއެރުމަށް ގެންނަވާނެ ބަދަލުތަކުގެ ވާހަކަ ތަފްސީލީ ގޮތެއްގައި ރައްޔިތުންނާއި ހިއްސާ ކުރައްވާފައެވެ. އަދި ރާއްޖޭގައި މާތްވެގެންވާ އިސްލާމްދީން ނޫން ދީނަކަށް ޖާގަ ނޯންނާނެކަމަށާއި، އުފުރުސަތު އެއްވެސް ބަޔަކަށް ނުދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ރައީސް ވިދާޅުވީ ދިވެހިންގެ އަމާން ސުލްހަވެރި ދިރިއުޅުމުގެ މައްޗަށް ނާމާންކަމާއި ހަތުރުވެރިކަމާއި އަދާވާތްތެރިކަމަށް ވެރިވެގަތުމުގެ ކުޑަވެސް ފުރުސަތެއް އެއްވެސް ބަޔަކަށް ނުދެއްވާނެކަމަށެވެ.