ކުޅިވަރު

ޔޫވީ ގުރޫޕުގެ އެއްވަނައިގެ ގޮތުގައި ސެމީއަށް


ޔޫތު ޗެމްޕިއަންޝިޕްގައި ޓީސީ ބަލިކޮށް، ޔުނައިޓަޑް ވިކްޓްރީން ގޫރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއިން ޖާގަ ހޯދައިފިއެވެ. ޔޫވީއިން ސެމީގެ ޖާގަ ހޯދާފައިވަނީ ޓީސީ ސްޕޯޓްސް ކުލަބާއި ވާދަކުރި މެޗް 2 ލަނޑު 0 ލަނޑުން ކާމިޔާބުކޮށްގެންނެވެ. މި މޮޅާއެކު ޔުނައިޓަޑް ވިކްޓްރީއަށް ވަނީ ގުރޫޕް ބީގެ އެއްވަނަ ލިބިފައެވެ. މިމެޗަށް ނިކުތް އިރުވެސް ޓީސީއިން ވަނީ ސެމީގެ ޖާގައެއް ޔަގީންކޮށްފައެވެ.

މެޗް ފެށިގެން ގޯލް ޖެހުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ ޓީސީއަށެވެ. މެޗުގެ ތިންވަނަ މިނެޓްގައި ޓީސީގެ ކުޅުންތެރިންނަށް ލިބުނު ފުރުސަތުގެ ބޭނުން އެޓީމުގެ ކުޅުންތެރިންނަށް ހިފޭ ގޮތެއް ނުވިއެވެ. މިފުރުސަތަށް ފަހުވެސް ޓީސީއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތު ލިބި ވަނީ ބޭކާރުވެފައެވެ. ޓީސީއިން ރަގަނޅަށް ފެށި ނަމަވެސް މެޗުގައި ގޯލް ޖަހައި، ލީޑް ނެގީ ޔުނައިޓެޑް ވިކްޓްރީންނެވެ. ޓީސީގެ ފަހަތަށް ކުޅެމުންދިޔަ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި މިލަނޑު ޔުވީއަށް ކާމިޔާބުކޮށްދިނީ ޢަބްދުއްރަހުމާން ތިބްޔާން ޢަލީ ސައީދެވެ. މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް ޓީސީގެ ކުޅުންތެރިންނަށްވެސް ފުރުސަތު ލިބުނެވެ. ނަމަވެސް އެފުރުސަތުގެ ބޭނުން އެކުޅުންތެރިންނަށް ހިފޭ ގޮތެއް ނުވިއެވެ. މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑް ފުޅާކުރުމަށް ޔޫވީގެ ޒައިޝާން އަޝްރަފަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ޒައިޝާން ފޮނުވާލި ބޯޅަވަނީ ޓީސީގެ ކީޕަރު ޔޫސުފް ޔުނާން އާމިރް ވަނީ ދިފާޢުކޮށްފައެވެ.

މެޗްގެ ފުރަތަމަ ހާފާއި ޚިލާފަށް، ދެވަނަ ހާފްގައި މޮޅަށް ކުޅުނީ ޔޫވީއިންނެވެ. އެގޮތުން ޔޫވީއިން ލަނޑު ޖެހުމަށް ކުރަމުންދިޔަ މަސައްކަތް އެޓީމަށް ކާމިޔާބުވީ މެޗްގެ 60ވަނަ މިނެޓްގައެވެ. މެޗްގައި ޔޫވީއިން ޖެހި ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޢަލީ މީސާގް އީސާއެވެ. ޔޫވީއިން ދެ ގޯލްގެ ލީޑެއް ނެގި ނަމަވެސް، ޓީސީއިން ވެސް ވަނީ ގޯލެއް ޖެހުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ޔޫވީގެ ޑިފެންޑަރުން ވަނީ ޓީސީއިން އުފައްދަން މަސައްކަތް ކުރި ހަމަލާތައް ހުއްޓުވާފައެވެ.

ގްރޫޕް ބީގައި ޔުނައިޓެޑް ވިކްޓްރީއަށް 3 މެޗުން 7 ޕޮއިންޓް ލިބުނުއިރު، 2 ވަނައަށް ދިޔަ ޓީސީ އަށް 3 މެޗުން ލިބިފައިވަނީ 7 ޕޮއިންޓެވެ. 3 ވަނައިގައި އޮތް މަހިބަދޫ ސްޕޯޓްސް ކްލަބަށް 1 ޕޮއިންޓް ލިބިފައިވާއިރު، ވެލެންސިއާއަށް އަދި ޕޮއިންޓެއް ނުލިބެއެވެ. ވެލެންސިއާ އާއި މަހިބަދޫވަނީ މުބާރާތުން ކަޓައިފައެވެ.