ދުނިޔެ

ސަޢުދީއާ އެކު އޮންނަ ގުޅުން ރަނގަޅުކުރަން ބޭނުން - އީރާނު


ސަޢުދީ ޢަރަބިއްޔާއާ އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން މިހާރުން މިހާރަށް ދުރުކުރަން ޖެހޭ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފް ވިދާޅުވެއްޖެއެވެ.އީރާނުގެ ވެރިރަށް ތެހްރާނަށް މިހާރު ވަޑައިގެން އުޅުއްވާ އިރާޤުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވުމަށް ފަހު އީރާނުގެ ޚާރިޖީ ވަޒީރު ޒަރީފް ވިދާޅުވީ، ދެގައުމުގެ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް އީރާނުން ބޭނުންވަނީ މަޝްވަރާގެ މަގުން ކަމަށާއި، އެހެން ނަމަވެސް ސަޢުދީ ޢަރަބިއްޔާއިން މިގޮތައް ޢަމަލުކުރަމުން ނުދާކަމަށެވެ. މި ގޮތުން، ސަޢުދީން ވަނީ ތެލުގެ އަގުތައް ދަށްކޮށް، އީރާނާއި ދުނިޔޭގެ ބާރުތަކާއި ދެމެދު ޤާއިމުކޮށްފައިވާ ނިއުކްލިއަރ އެއްބަސްވުމާއި ދެކޮޅަށް ވާހަކަ ދައްކާފައި ކަމަށެވެ. ޒަރީފް ވިދާޅުވީ، މި ސަރަހައްދުގައި އިތުރު ނުތަނަވަސްކަން އުފައްދަން އީރާނުން ބޭނުން ނުވާ ކަމަށާއި ދެގައުމުގެ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ވީ އެންމެ އަވަހަކަށް ހައްލުކުރަން ޖެހޭ ކަމަށެވެ. ޓެރަރިޒަމްގެ ކުށުގައި އެއް ފަހަރާ 47 މީހުންނަށް ސަޢޫދީ އަރަބިއްޔާއިން މަރުގެ އަދަބު ދިނުމާއި ގުޅިގެން، އީރާނުގައި ދަނީ މުޒާހަރާތައް ކުރަމުންނެވެ. މި މުޒާހަރާތަކުގައި ވަނީ ވެރިރަށް ތެހެރާނުގައި ހުންނަ ސަޢޫދީ އެމްބަސީގައި ހުޅު ޖަހާފައެވެ. އަދި މިއާއެކު ސަޢޫދީ އަރަބިއްޔާއިން އިން ވަނީ އީރާނާ އެކު އޮންނަ ސިޔާސީ ގުޅުން މެދުކަނޑާލާފައެވެ.