ޚަބަރު

ރައީސްގެ އައްޑޫ ތަޞައްވަރު: ގަން އެއާޕޯޓުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޙިދުމަތް ދިނުން


އައްޑޫ ތަރައްޤީގެ މަޝްރޫޢޫގެ ތެރެއިން ގަން އިންޓަނޭޝަނަލް އެއާޕޯޓު އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޙިދުމަތް ދެވޭ ގޮތަށް ތަރައްޤީކުރުމަށް ނިންމަވާފައިވާކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިޙް ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލީޙް ވަނީ އެމަނިކުފާނު ވަނީ އައްޑޫ ތަރައްޤީނުވެ ރާއްޖެ ތަރައްޤީ ނުކުރެވޭނެ ކަމުގެ ވާހަކަ ތަކުރާރު ކުރައްވާފައެވެ. މިއާއިއެކު އައްޑޫގެ ތަރައްޤީއާއި ގުޅުން ހުރި މަޝްރޫޢުތައް މިހާރުވެސް ފެށިފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ތެރެއިން އައްޑޫގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން އައްޑޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދައި ފެން ހިންދާ ނިޒާމު ޤާއިމު ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިހާރުވެސް ސިޓީގެ އަވަށްތަކުގައި ކުރިއަށް އެބަދެއެވެ. މީގެއިތުރުން އެ ސިޓީގެ އަވަށްތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުރިއަށް ގެންދެވޭ ފަތުރުވެރިކަމުގެ ހާއްސަ ސަރަހައްދުތައް ތަރައްޤީކުރުމުގެ މަޝްރޫޢުވެސް ކުރިއަށްދާއިރު މިއިން ބައެއް ސަރަހައްދުތަކުގައި ގެސްޓް ހައުސްތައްވެސް އަޅަން ވަނީ ފަށާފައެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސާލީޙް ވިދާޅުވީ އައްޑޫގެ ތަރައްޤީގެ އެކި މަޝްރޫޢުތައް ހިނގަމުންދާއިރު އައްޑޫއަށް ބިން އިތުރުކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާނެކަމަށެވެ. އަދި އެއާޕޯޓު މަޝްރޫޢުއާއެކު ޖުމްލަ 2.6 ބިލިއަން ރުފިޔާ އައްޑޫގެ ތަރައްޤީއަށް ޙަރަދު ވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

" އައްޑޫގެ ތަރައްޤީގެ ޕްލޭނާއި އެއްގޮތަށް 236.5 ހެކްޓަރުގެ ބިން އިތުރު ކުރެވޭނެ. މީގެ ތެރޭގައި އައްޑޫގެ ފަތުރުވެރިކަމަށް އިތުރު ކުރެވޭ ބިންވެސް ހިމެނޭ. މިއާއިއެކު އަަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޙިދުމަތްދެވޭ ގޮތަށް ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރެވޭނެ. މިމަޝްރޫޢުތަކަށް ޖުމްލަ 2.6 ބިލިއަން ރުފިޔާއަށް ވުރެ ގިނައިން ޙަރަދު ކުރެވޭނެ" ރައީސް ސާލީޙް ވިދާޅުވިއެވެ.

އައްޑޫގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫޢެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު، މިމަޝްރޫޢު މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށް އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. ނިޒާރު ވިދާޅުވި ގޮތުގައި މިމަޝްރުޢޫގެ މަސައްކަތުގެ އެއްބަސްވުމުގައި މިމަހުގެ ތެރޭގައި ސޮއިކުރާނެއެވެ. އަދި މިމަޝްރޫޢުގެ ސަބަބުން ކުރިއަށް އޮތް 50 އަހަރަށްވެސް އައްޑޫއަށް ބިމުގެ ދަތިކަން ނާންނާނެކަމަށް ޤަބޫލު ކުރައްވާކަމަށް މޭޔަރ ވިދާޅުވިއެވެ.

އައްޑޫގެ ތަރައްޤީއަކީ ރައީސް ސާލީޙުގެ ރިޔާސީ ވަޢުދެކެވެ. އަދި އައްޑޫއަށް ތަރައްޤީ ނުގެނެވި ރާއްޖެ ތަރައްޤީ ނުވާނެކަމަށް އެމަނިކުފާނު އަބަދުވެސް ވިދާޅުވެއެވެ. މިއާއިއެކު އައްޑޫގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ދެކުނުގެ އިޤްތިޞާދީ ހަބަށް އައްޑޫ ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އައްޑޫގެ ވައިގެ ބަނދަރުގެ އިތުރުން ދެކުނުގެ ބައިނަލްއަޤްވާމީ ޓްރާންސްޝިޕްމަންޓް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުވެސް ވަނީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައެވެ.