ޚަބަރު

ޓެރަރިޒަމާއި ހަރުކަށި ފިކުރުތަކަށް ރައީސްގެ އިންޒާރެއް!


މާތްވެގެންވާ އިސްލާމްދީނާއި ދިވެހިންގެ ސުލްހަވެރި ދިރިއުޅުން ނާމާންކޮށްލުމުގެ ފުރުޞަތު އެއްވެސް ބަޔަކަށް ނުދެއްވާނެކަމަށް ވިދާޅުވެ ރާއްޖޭގައި އުޅޭ ޓެރަރިޒަމާއި ހަރުކަށިފިކުރުތަކުގެ ގުރޫޕްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ޞާލިޙް ދެއްވި ރިޔާސީ ބަޔާން ފެއްޓެވީވެސް ދިވެހި މުޖްތަމަޢުގެތެރެއަށް ހަރުކަށި ފިކުރު މޫލާފައިވާ ފުންމިން ހާމަކޮށްދެއްވާ، އެކަން ނައްތާލުމަށް ކުރައްވާ މަސައްކަތްޕުޅުތައް ތަފްސީލްކޮށްދެއްވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 6 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާގެ ހަނދާންތައް އައުކުރައްވާފައެވެ. ރައީސް ވަނީ، އެ ހަމަލާއިން ރައީސް ނަޝީދުގެ ފުރާނަފުޅު ސަލާމަތްވުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު އިތުރު ދިރުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެއީ ރާއްޖޭގެ އިންސާނީ ހައްޤުތައް ދިރުވާ އާލާކުރުމަށް ލިބުނު އިތުރު ހަކަތައެއްކަމަށް ރައީސް ވިދާޅުވިއެވެ.

"އެނުރައްކާތެރި ހަމަލާގެ ކުށާއެކުއެކީބޮޑު އެހެން ކަމެއް ސާބިތުވެގެން ހިނގައްޖެ. މުޖްތަމަޢުގެތެރެއަށް ހަރުކަށި ފިކުރު މޫލާފައިވާ ފުންމިން. ދީނުގެ ނަމުގާ ހިންގާ ނުރައްކާތެރި އަދި އަނިޔާވެރި ޢަމަލުތައް. އެނގި ހާމަވީ އެފަދަ ޢަމަލުތައް ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގެ ބޮޑުކަމާ ބުރަކަން."

ރައީސްގެ ވާހަކަފުޅުގައި ދިވެހި ގައުމިއްޔަތު ބިނާވެ، ދިރި ދެމިއޮންނަންޖެހޭ ބަހާތަކުގެ މައްޗަށް ސަރުކާރު އަބަދުވެސް އޮންނަނީ ސަމާލުވެ ހޭލާކަމަށާއި، މާތްވެގެންވާ އިސްލާމްދީނާ ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތާ އިސްތިޤުލާލަށް ބުރުލެއް އަދި ގުޑުމެއް އައުމަށް ސަރުކާރުން ކުޑަވެސް ފުރުޞަތެއް ނުދޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އިސްލާމީ ސައްޙް މަޢުލޫމާތު ދިވެހިންގެ ތެރޭގައި އަށަގެންނެވުމަށް ކުރައްވާ މަސައްކަތްޕުޅުވެސް ހިއްސާކުރައްވާފައެވެ.

"އިސްލާމީ ތަރިކައާ ދީނުގެ ޞައްޙަ ޢަޤީދާގެ ބިންގަލަކީ ފުރިހަމަ ދިވެހި ޖީލެއް ބިނާވުމުގެ އަޞްލު. މިދިޔަ އަހަރު ސަރުކާރުން އެންމެ އިސްކަން ދިން ސިޔާސަތަކީވެސް އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ދިވެހިންގެ ހިތްތަކުގަ އަށަގެންނެވުމާ، އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ މަތީގާ ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުން. މިގޮތުން، މިދިޔަ އަހަރު ރާއްޖޭގެ180 ރަށެއްގާ އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ދިނުމާ، އިސްލާމްދީނުގެ ރިވެތި އުޞޫލުތަކަށް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު." ރައީސް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ މެއި6ގެ ހަމަލާއިން ރައީސް ނަޝީދުގެ ފުރާނަފުޅު ސަލާމަތްވުމަކީ ރާއްޖޭގެ ޑިމޮކްރަސީ އަށް ލިބުނު އިތުރު ދިރުމެއްގެ ގޮތުގައި ރައީސް ސިފަކުރައްވާފައިވާއިރު، އެ ހަަމަލާގެ ތަހުޤީޤު މިހާރު އަމާޒުކޮށްފައިވަނީ އެކަމަށް ފައިސާ ޚަރަދުކޮށްފައިވާ ގޮތް ބެލުމަށް ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.