ޚަބަރު

ދީނުގެ ސައްޙަ އަޤީދާ ހާމަކޮށްދިނުމަށް ނޭޝަނަލް މޮޑަރޭޝަން ކެމްޕެއިނެއް ފަށަނީ


ދީނުގެ ނަމުގައި އަދި ދީނާ ދެކޮޅު ހަރުކަށި ފިކުރު ފަތުރައި، މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންދޭ މީހުންނަށް އިސްލާމްދީނުގެ ސައްޙަ އަޤީދާ ހާމަކޮށްދިނުމަށް ނޭޝަނަލް މޮޑަރޭޝަން ކެމްޕެއިން ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް ރައްޔިތުންގެ މަޖްލިސްކުރާ ގޭގައި ބޭއްވި ޖަލްސާގައި ދީނުގެ ކަންކަމަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިޙް ވިދާޅުވީ ދީނުގެ ނަމުގައި ހިންގާ ނުރައްކާތެރި އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތް ބޮޑުކަމަށާ، މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ސިޔާދަތާ އިސްތިގްލާލް ބުރުލެއް އަދި ގުޑުމެއް އައުމުގެ ކުޑަވެސް ފުރުސަތެއް ނުދެއްވާނެކަމަށެވެ. އަދި ދިވެހި ގައުމިއްޔަތު ބިނާވެރިވި ދެމިއޮންނަޖެހޭ ބަހާތަކުގެ މައްޗަށް ތާއަބަދު އޮންނާނެކަމަށާއި ސަރުކާރުން އެކަމަށް އަބަދުވެސް ފާރަވެރިވާނެކަމަށް ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވިއެވެ.

މިއަހަރު ދީނީ ކަންކަމުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއްދީގެން ކުރައްވާނެ އަނެއްކަމަކީ ހައްޖާ އުމްރާ އާ ޒަކާތާ ބެހޭ ޤާނޫނުތައް އެކުލަވާލުންކަމަށާ މިއަހަރުތެރޭގައި އެބިލް ރައްޔިތުންގެ މަޖްލީހަށް ހުށައެޅުމަށް ތައްޔާރުވަމުންދާކަމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިންގެ އަމާން ސުލްހަވެރި ދިރިއުޅުމުގެ މައްޗަށް ނާމާންކަމާއި ހަތުރުވެރިކަމާއި އަދާވާތްތެރިކަމަށް ވެރިވެގަތުމުގެ ކުޑަވެސް ފުރުސަތެއް އެއްވެސް ބަޔަކަށް ނުދެއްވާނެކަމަށެވެ. އަދޮ އިސްލާމީ ތަރިކައާއި ދީނުގެ ސައްހަ އަގީދާގެ ބިންގަލަކީ ފުރިހަމަ ދިވެހި ޖީލެއް ބިނާކުރުމުގެ އަސްލުކަން ރައީސުލްޖުމްޙޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ނިމިދިޔަ އަހަރު ދީނީ ކަންކަން ހަރުދަނާކޮށް މީހުން ބިނާކުރުމުގެ ތަފާތު ހަރަކާތްތަކެއް ހިންގާފައިވާކަމަށެވެ. އެގޮތުން މިދިޔަ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދެއްވި ސިޔާސަތަކީ މާތްވެގެންވާ އިސްލާމް ދީނުގެ ސައްހަ މައުލޫމާތު ދިވެހިންގެ ހިތްތަކުގައި އަށަގެންނެވުމާއޮ އިސްލާމީ ރިވެތި އަދަބު އަޙްލާޤްގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތި ކުރުންކަމަށް ކުރެވުނު މަސައްކަތްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުގެ މަތިން މިދިޔަ އަހަރު އެކަނިވެސް ރާއްޖޭގެ 180 ރަށެއްގައި އިސްލާމްދީނުގެ ސައްޙަ މައުލޫމާތު ދިނުމާ އިިސްލާމްދީނުގެ ރިވެތި އުސޫލްތަކަށް ހޭލުންތެރި ކުުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ޤުރުއާން މުދައްރިސުން ބިނާކުރުމަށް މިދިޔަ އަހަރު 1599 މީހުން ވަނީ ބިނާކުރެވިފައިވާއިރު އިމާމުންނާ މުދިމުންނަށް އިސްލާމީ ތައުލީމީ ރޮގުން ޑިގްރީ ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ދަށުން 290 މީހަކު ކިޔަވަމުން ދާކަމަށެވެ. އަދި އިތުރު މިސްކިތްތައް ބިނާކުރުމަށް މިއަހަރުވެސް ބޮޑެތި މަސްރޫއުތަކެއް ހިންގޭނެކަމަށް ރައީސުލްޖުމްޙޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.