ކުޅިވަރު

ބަންގްލަދޭޝްއަށް ރާއްޖޭގެ ޒުވާން ޓީމެއް


ބަންގްބަންދު ފުޓްބޯޅަ މުބާރާތުގައި ރާއްޖެއިން ވާދަކުރާނީ
ޒުވާން ސްކޮޑެއް ކަމަށާއި، ޓީމްގައި ތިބި ކުޅުންތެރިންނާމެދު ހިތްހަމަ ޖެހޭ ކަމަށް
ޤައުމީ ޓީމްގެ ކޯޗް ރިކީ ހާބާޓް ބުނެފިއެވެ. ބަންގްލަދޭޝްގައި ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ
ބަންގްބަންދު ގޯލްޑްކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމްގައި ޒުވާން ކުޅުންތެރިންނަށް
އިސްކަންދިނީ ކުރިއަށް އޮތް ސާފް ގޭމްސްއަށް ރަނގަޅު ޓީމެއް އެކުލަވާލުމަށް
ކަމަށާއި، މިއީ ޒުވާން ކުޅުންތެރންނަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް ޤައުމީ
ކޯޗް ރިކީ ހާބާޓް ބުންޏެވެ. އަދި މިފަހަރުގެ ސްކޮޑްގައި 23 އަހަރުން ދަށުގެ 14
ކުޅުންތެރިއަކު ހިމެނޭ ކަން ކޯޗް ފާހަގަކުރިއެވެ. މުބާރާތުގައި ރާއްޖެ ވާދަކުރާ
މެޗްތަކަކީ އުނދަގޫ މެޗްތަކެއް ކަމަށާއި، ނަމަވެސް ރާއްޖޭގެ ޓީމަށް މިމުބާރާތުގައި
ރަނގަޅު ކުޅުމެއް ދެއްކިދާނެ ކަމަށް ކޯޗް ބުންޏެވެ.ނިމިގެންދިޔަ ސާފް ސުޒުކީ ކަޕްގައި ވާދަކުރި ގިނަ
ކުޅުންތެރިންތަކެއް ވަނީ ބަންގްބަންދު ފުޓްބޯޅަ މުބާރާތުގައި ނުކުޅެން ނިންމާފައެވެ.
އެގޮތުން ރިލީޒް ނުލިބުމުން ކެޕްޓަން އަޝްފާގު، އަދި ޒުވާން ކުޅުންތެރިންނަށް
ފުރުސަތު ދިނުމުގެ ގޮތުން ކީޕަރ އިމްރާންވެސް ވަނީ މިފަހަރު މުބާރާތުގައި ނުކުޅެން
ނިންމާފައެވެ. ބަންގްބަންދު މުބާރާތުގައި ވާދަކުރާ ޓީމްގައި ހިމެނޭ ސީނިއާ
ކުޅުންތެރިންނަކީ އަލީ ފާސިރު، އަސަދު އަލީ، އިސްމާއިލް އީސާ، އަހުމަދު އަބްދުﷲ،
އަހުމަދު ނާޝިދު އަދި ގޯލް ކީޕަރ މުހައްމަދު އިމްރާންއާއި މުހައްމަދު ފައިސަލްއެވެ.
ސާފް ސުޒުކީ ކަޕްގައި ވާދަކުރި 9 ކުޅުންތެރިއަކު މިފަހަރުގެ ސްކޮޑްގައި
ހިމަނާފައެއް ނުވެއެވެ. މީގެ އިތުރުން ޤައުމީ ޓީމްގައި ޒިންމާ އަދާކުރުމުގެ ފުރުސަތު
ނުދޭ ކަމަށްބުނެ މިއަދު އެސިސްޓެންޓް ކޯޗް އައްސަދު އަބްދުލް ޤަނީ ވަނީ އިސްތިޢުފާ
ދީފައެވެ. ގޯލް ކީޕަރ ޓްރެއިނަރެއް ޓީމްގައި ހުރުމުގެ ބޭނުމެއް ނުފެނޭ ކަމަށްބުނެ ގޯލް
ކީޕަރ ޓްރެއިނަރ އަސްލަމް އަބްދުއް ރަހީމްވެސް މިއަދު ވަނީ މަޤާމުން
އިސްތިޢުފާދީފައެވެ. ޤައުމީ ޓީމްގެ ފަރުތަކުރުންތަށް މިއަދު ގަލޮޅު ދަނޑުގައި
ކުރިއަށްގެންދިޔައިރު އެސިސްޓެންޓް ކޯޗް އިސްމާއިލް މަހުފޫޒުވެސް ބައިވެރިވެފައެއް
ނުވެއެވެ. ބަންގްބަންދު ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް ރާއްޖެ ބަންގްލަދޭޝްއަށް
ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. މުބާރާތުގެ ފުރަތަމަ މެޗްގައި
ރާއްޖެ އަންނަ ހޯމަ ދުވަހު ނިކުންނާނީ ކެމްބޯޑިޔާއާ ދެކޮޅަށެވެ.