ރާއްޖޭގެ އެކިކަންކޮޅުތަކުގައި 26 ފުޓްބޯޅަ ދަނޑުގެ ޓާރފް މަސައްކަތް ނިންމާ، ރާއްޖޭގެ އެކި ހިސާބުތަކުގައި ޤައުމީ ފެންވަރުގެ މެޗްތައް މިހާރު ކުޅެވޭނެކަމަށް ރައީސުލް ޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ. ރާއްޖޭގައި މިދިޔަ އަހަރުވަނީ ސާފް ޗެންޕިއަންޝިޕާއި އޭއެފްސީ ކަޕްގެ މެޗްތައް ކުރިޔަށް ގެންގޮސްފައެވެ.
ރައްޔިތުން މަޖްލީހުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާނުގައި ކުޅިވަރުގެ ދާއިރާއާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ކުޅިވަރުގައި ކުރިއެރުން ހޯދެނީ ރަގަނޅު ފެންވަރުގެ ވަސީލަތްތަކެއް ޤާއިމު ކުރެވެމުންކަމަށެވެ. އަދި ރާއްޖެއަށް ރީތިނަން ހޯދައިދިނުމަށް ގިނަ ޒުވާނުން އެދޭކަމަށާއި ރާއްޖެއަށް ރީތިނަން ހޯދުމުން، އެނަން ލިބެނީ ހުރިހާ ދިވެހިންނަށްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫޢުގެ ދަށުން، ރާއްޖޭގެ އެކި ސަރައްހައްދުތަކުގައި ސްޕޯޓްސް ކޮމްޕްލެކްސް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ.
"މިއަހަރަށް ކަނޑައަޅާފައިވާ ބޮޑެތި މަޝަރޫޢުގެތަކުގެ ދަށުން ފުރަމާލޭގެ ގަލޮޅު ރަސްމީ ދަނޑު ތަރައްގީ ކުރުން ހިމެނޭ. އަދި ގައުމީ ޓޭބަލް ޓެނިސް، ވޮލީ، ހޭންޑްބޯލް އަދި ނެޓްބޯލް ކޮންޕްލެކްސްތައް މާލޭގައި ތަރައްގީ ކުރެވޭނެ. މޫދު ކުޅިވަރުގެ މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔެއަށް ރާއްޖެ ތަޢާރަފްކުރުމަކީ، ވަރަށް ބޭނުންތެރި ކަމެއް. މިގޮތުން މިއަހަރު އޭޝިއަން ސާރފިން ޗެންޕިއަން ޝިޕް އަދި ބޮޑީ ބޯޑިންގ ވޯލްޑް ޓުއަރ މުބާރާތެއް ރާއްޖޭގައި މިއަހަރު ބާއްވާނެ. ސާރފިން އަދި ބޮޑީ ބޯޑިންގެ ނެޝަނަލް ޓީމްތައް މުޅިން އަލަށް އެކުލަވާލައި، ގަވާއިދުން ސާރަދޭން ވަނީ ފެށިފަ" ރައީސް ސޯލިޙު ވިދާޅުވިއެވެ.
މިސަރުކާރުންވަނީ ކުޅިވަރު އެސޯސިއޭޝަންތަކަށް ދޭ ބަޖެޓްގެ އެންމެ ދަށް މިންވަރަކީ 5 ލައްކަ ރުފިޔާކަމަށް ހަމަޖައްސާފައެވެ. އަދި އަންހެން ފިރިހެން، އެއްވެސް ކުޅިވަރެއް ތަފާތު ނުކޮށް ކޮންމެ ޤައުމީ ޓީމް ކޮންމެ ކުޅުންތެރިއަކަށް ފަސް ހާސް ރުފިޔާ ދިނުމަށް މިސަރުކާރުން ނިންމާ، މިހާރުވަނީ ދޭން ފަށާފައެވެ. އަދި ކުޅިވަރުން ރާއްޖެއަށް ރީތިނަން ހޯދައިދޭ ކުޅުންތެރިންނަށް އިތުރު ތަމްރީނު ފުރުސަތު ހޯދައިދީ، އެކުޅުންތެރިންނަށް މިސާރުކާރުންވަނީ ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.