ކުޅިވަރު

ގްރީން ބަލިކޮށް ސަސްއިން ސެމީއާއި ގާތަށް ޖެހިލައިފި


ޔޫތު ޗެންޕިއަންޝިޕްގައި ގްރީން ސްޓްރީޓްސް ބަލިކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އިން ސެމީއާއި ގާތަށް ޖެހިލައިފިއެވެ. ސެމީއާއި ގާތަށް ސަސް ޖެހިލައިފައިވާއިރު، ރޭގައި ކުޅުނު މެޗް ސަސްއިން ކާމިޔާބުކޮށްފައިވަނީ ގްރީން ސްޓްރީޓްސްއާއި ވާދަކޮށް 4 ލަނޑު 0 ލަނޑުންނެވެ.

އެފްއޭއެމްއިން 19 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒްކޮށްގެން ކުރިއަށްގެންދާ މިމުބާރާތުގައި ގުރޫޕް އޭގައި ފަސް ޓީމް ވާދަކުރާއިރު، މި ގުރޫޕްގެ އެއްވަނައިގައި މިވަގުތު މާޒިޔާ އޮތީ 4 މެޗުން 7 ޕޮއިންޓް ހޯދައިގެންނެވެ. ތާވަލްގެ ދެވަނައިގައިވާ އީގަލްސްއަށް 3 މެޗުން ލިބިފައިވަނީ 7 ޕޮއިންޓެވެ. މިމެޗުން ހޯދި 3 ޕޮއިންޓާއެކު ތާވަލް ތިންވަނައިގައި ސަސް އޮތީ 3 މެޗުން 6 ޕޮއިންޓް ހޯދައިގެންނެވެ. 4ވަނައިގައި އޮތް ދަ ގްރާންޑޭއަށް 3 މެޗުން 3 ޕޮއިންޓް ލިބިފައިވާއިރު، އެޓީމް ވަނީ މުބާރާތުން ކަޓާފައެވެ. ގުރޫޕްގެ އެންމެ ފުލުގައި އޮތް ގްރީން ސްޓްރީޓްސްއަށް ޕޮއިންޓެއް ނުލިބި އެޓީމު ވެސް ވަނީ މުބާރާތުން ކަޓާފައެވެ.

މި ގްރޫޕުން މި ވަގުތު ސެމީގެ ފުރުސަތު އޮތީ އީގަލްސް، މާޒިޔާ އަދި ސަސް އަށެވެ. ސަސް އާއި އީގަލްސް އަށް ބާކީ މެޗެއް އެބައޮތެވެ. ހޮނިހިރު ދުވަހު ހަވީރު އީގަލްސް ނިކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. އަދި އެރޭ ކުޅޭ މެޗްގައި ދަ ގްރާންޑޭ ނިކުންނާނީ ސަސްއާއި ދެކޮޅަށެވެ. ސަސް އާއި އީގަލްސް ފަހު މެޗުން މޮޅުވެއްޖެނަމަ އެ ދެ ޓީމަށް ސެމީގެ ފުރުސަތު ލިބޭނެއެވެ. މާޒިޔާ އަށް ސެމީގެ ފުރުސަތެއް އޮތީ ސަސް އާއި އީގަލްސްގެ މެޗުތަކުން ނުކުންނަ ނަތީޖާ އަކުންނެވެ.

ގްރީން ސްޓްރީޓްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ބައްދަލުކުރި މެޗްގައި މޮޅަށް ކުޅެފައިވަނީ ސަސްއިންނެވެ. މިމެޗް ފެށިގެން ސަސްއިން ދިޔައީ ގްރީންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗްގެ 10ވަނަ މިނެޓްގައި ސަސްގެ މިޑްފީލްޑަރު ވިޝާހު ޢަބްދުލްމަޖީދު ފޮނުވާލި ބޯޅަ ވަނީ ގްރީންގެ ކީޕަރު ޢާލީ ޔަނީއު އަހުމަދު މަތަކޮށްފައެވެ. ސަސްއިން ގޯލް ޖެހުމަށް ކުރަމުންދިޔަ މަސައްކަތް އެޓީމަށް ކާމިޔާބުވީ މެޗްގެ 13ވަނަ މިނެޓްގައެވެ. މިލަނޑު ސަސްއަށް ކާމިޔާބުކޮށްދިނީ ލަޔާން ހުސެއިންނެވެ. މީގެ އިތުރުންވެސް ސަސްއިން ގްރީންގެ ގޯލަށް ނުރައްކާ ކުރަމުންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ 35ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ސަސްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ވިޝާހު ޢަބްދުލްމަޖީދެވެ.

މެޗްގެ ދެވަނަ ހާފްގައިވެސް މޮޅަށް ކުޅެފައިވަނީ ސަސްއިންނެވެ. މިހާފްގައިވެސް ގްރީން ސްޓްރީޓްސްއަށް މާ ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. މިމެޗްގައި ސަސްއިން ޖެހި ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 56ވަނަ މިނެޓްގައި ސާލިފް ހުސެއިނެވެ. މެޗްގައި ސަސްއިން ޖެހި ހަތަރުވަނަ ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ އިޝްފާޢު މުޙައްމަދު ފިރާގެވެ. މެޗްގައި ސަސްގެ ލީޑް ފުޅާކުރުމަށް އެންމެ ރަގަނޅު ފުރުސަތު ލިބިގެންދިޔައީ އެޓީމްގެ ކީޕަރު ޔޫސުފް މީސަމް އަބްދުﷲ އަށެވެ. ގްރީން ސްޓްރީޓްސްގެ ކުޅުންތެރިއަކު އަތުގައި އޭރިއާތެރެއިން ބޯޅަ ޖެހުމުން ސަސް އަށް ލިބުނު ޕެނަލްޓީ މީސަމް ފޮނުވާލި ނަމަވެސް، އޭނާއަށް އެބޯޅަ ގޯލާއި ސީދާކޮށްލެވޭ ގޮތެއް ނުވިއެވެ.