ކުޅިވަރު

ދިވެހި ޕްރިމިއަރ ލީގު ފެށުން ފަސްކޮށްފި


ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ ސީޒަން ދިވެހި ޕްރިމިއަރ ލީގް ފެށުން ފަސްކޮށްފިއެވެ. އެފްއޭއެމްއިން ކުރިން މިއަންނަ ހަފްތާގައި ފަށަން ނިންމާފައި އޮތް ދިވެހި ޕްރިމިއަރ ލީގް މިހާރު ފެށުމަށް ނިންމާފައިވަމީ މިމަހުގެ 16ވަނަ ދުވަހުއެވެ.

އެފްއޭއެމްއިން އެންމެ ފުރަތަމަ ދިވެހި ޕްރިމިއަރ ލީގް ފެށުމަށް މަސައްކަތް ކުރަމުންދިޔައީ މިއަންނަ ހަފްތާގެ އާދިއްތަ ދުވަހުއެވެ. ނަމަވެސް އެފްއޭއެމްއިން ބޭއްވި ބައްދަލުވުމަށް ފަހު މިހާރު ކުލަބްތަކަށް އަންގާފައިވަނީ މިހާރު ދިވެހި ޕްރިމިއަރ ލީގް ފަށާނީ މިމަހުގެ 16ވަނަ ދުވަހުކަމަށެވެ. އެފްއޭއެމްއިން ލީފް ފެށުން ފަސްކުރީ ލީގް ފެށުމަށްޓަކައި ނިންމަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން، އެކަމަށް ވަގުތު ހޯދާ އެކަމަށް ތައްޔާރުވުމުގެ ގޮތުންނެވެ.

އެފްއެމްއިން ދިވެހި ޕްރިމިއަރ ލީގް ފަސްކުރުމާއި ގުޅިގެން މިހާރު ލީގުގެ މެޗްތައް ފެށޭނީ މިހާރު ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ ޔޫތު ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ނިންމާލުމަށްފަހުއެވެ. އަދި އެފްއޭއެމްއިން މިހާރު މަސައްކަތް ކުރަމުންދަނީ ޔޫތު ޗެންޕިއަންޝިޕްގެ ފައިނަލް މެޗް ފ.އަތޮޅު ނިލަންދޫގައި ކުޅުމަށެވެ. ޔޫތު ޗެންޕިއަންޝިޕްގެ ފައިނަލް މެޗް ނިލަންދޫގައި ކުޅުމަށް މަސައްކަތް ކުރާއިރު، މިއަހަރުގެ ފުޓްބޯޅަ ސީޒަންގެ ފުރަތަމަ މުބާރާތްކަމަށްވާ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް ކުޅެފައިވަނީ ރ.އަތޮޅު އަލިފުށީގައިއެވެ. މިމެޗް ކުލަބް ވެލެންސިޔާ ކާމިޔާބުކޮށްފައިވަނީ މާޒިޔާއާއި ވާދަކޮށް 2 ލަނޑު 1 ލަނޑުންނެވެ.