ކުޅިވަރު

ދަ ގްރާންޑޭ ބަލިކޮށް މާޒިޔާއިން ސެމީގެ ފުރުސަތު ބޮޑުކޮށްފި


ޔޫތު ޗެންޕިއަންޝިޕްގައި ދަ ގްރާންޑޭ ފަސޭހަކަމާއެކު ބަލިކޮށް، މާޒިޔާއިން ސެމީގެ އުއްމީދު އާކޮށްފިއެވެ. މާޒިޔާއިން ސެމީގެ އުންމީދު އާކޮށްފައިވާއިރު، މާޒިޔާއިންވަނީ ގުރޫޕް ސްޓޭޖްގައި އެޓީމް ކުޅުނު ހުރިހާ މެޗެއް ނިންމާލާފައެވެ. 19 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޔޫތު ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މާޒިޔާއިން ދަ ގްރާންޑޭގެ މައްޗަށް ކުރި ހޯދީ 6 ލަނޑު 0 ލަނޑުންނެވެ.

މާޒިޔާއަށް ގުރޫޕް ސްޓޭޖްގެ މެޗްތައް މިހާރު ނިމިފައިވާއިރު، ގްރޫޕް އޭގެ 1 ވަނައިގައި އޮތް މާޒިޔާއާއި 2 ވަނައިގައި އޮތް ކްލަބް އީގަލްސްއަށް 7 ޕޮއިންޓް ލިބިފައިވާއިރު، ގުރޫޕް ސްޓޭޖްގައި ކުޅެންޖެހޭ 4 މެޗް މާޒިޔާއަށް ހަމަވެފައިވާއިރު، މާޒިޔާއަށް ގުރޫޕްގެ އެއްވަނަ ލިބެނީ ގޯލްގެ ތަފާތުންނެވެ. މި ގްރޫޕްގެ 3 ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި 4ވަނައިގައި އޮތް ދަ ގްރާންޑޭއަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. މި ގުރޫޕްގެ އެންމެ ފުލުގައި އޮތް ކްލަބް ގްރީން ސްޓްރީޓްސްއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މިމެޗް ފެށިގެން ތިންވަނަ މިނެޓްގައި މާޒިޔާއިން ވަނީ ލީޑް ނަގާފައެވެ. މިލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އިޔާން ހަސަނެވެ. މިމެޗްގައި މާޒިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުންވަނީ ދަ ގްރާންޑޭގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މެޗުގެ 11ވަނަ މިނެޓްގައި މާޒިޔާގެ މުޙައްމަދު ސާއިން ސަލީމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. ނަމަވެސް މާޒިޔާއިން ވަނީ މެޗްގެ 13ވަނަ މިނެޓްގައި އެޓީމްގެ ލީޑް ފުޅާކޮށްފައެވެ. މާޒިޔާގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާޒިޔާގެ ކެޕްޓަން ހުސެއިން ފާއިޒެވެ. މާޒިޔާއިން ދެ ގޯލް ޖެހުމާއެކު ދަ ގްރާންޑޭއިންވެސް ވަނީ ގޯލެއް ޖެހުމަށް ވަރަށް މަސައްކަތްކޮށްފައެވެ. އެގޮތުން އިބްރާހިމް ނަޒީހުއަށް މާޒިޔާގެ ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަ އަމާޒްވީ ގޯލްގެ ދަނޑިއަށެވެ.

މެޗްގެ ދެވަނަ ހާފްގައިވެސް މާޒިޔާއިން ދަ ގްރާންޑޭއަށް ވުރެއް މޮޅަށް ކުޅުނެވެ. މެޗްގެ 67ވަނަ މިނެޓްގައި މުޙައްމަދު އިޔާން ހަސަން ވަނީ މާޒިޔާގެ ތިންވަނަ ގޯލް ޖަހާފައެވެ. މިމެޗްގައި ދަ ގްރާންޑޭއަށް ގޯލް ޖެހުމަށް މާރަނގަޅު ފުރުސަތެއް ލިބިފައިނުވާއިރު، މާޒިޔާއިން އެޓީމުގެ 4ވަނަ ލަނޑު ޖެހީ މެޗްގެ 75ވަނަ މިނެޓްގައެވެ. މިލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ މުޙައްމަދު މަޒީންއެވެ. މާޒިޔާގެ 5ވަނަ ގޯލް ޖެހީވެސް މާޒީންއެވެ. މެޗްގައި މާޒިޔާގެ ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔޫޝައު ބިން ޢަލީ ނަޝީދެވެ.