ވިޔަފާރި

މިދިޔަ އަހަރު އެމްއޭސީއެލްއަށް ބޮޑު ކާމިޔާބީއެއް!


ވެލާނާ އެއާޕޯޓުން ކޯވިޑުގެ ކުރީން ޙިދުމަތް ދެމުން އައި މިންގަނޑަށް އަލުން ޙިދުމަތްތައް އިޔާދަ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ބޮޑުބައި މިދިޔަ އަހަރުތެރޭގައި ހާސިލުވެފައިވާކަމަށް އެމްއެމްއޭސީއެލްއިން ހާމަކޮށްފިއެވެ.

އެމްއޭސީއެލްއިން ވޭތުވެ ދިޔަ 3 އަހަރުގެ އެއާޕޯޓު ތަފާސް ހިސާބުތައް އާންމު ކުރަމުން ބުނީ، ޙިދުމަތްތައް އިޔާދަ ކުރުމަށް ކުރާ މަސައްކަތަށް މިދިޔަ އަހަރު ތެރޭގައި ކުރި ބުރަ މަސައްކަތާއެކު ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ކޯވިޑާއެކު ވެލާނާ އެއާޕޯޓުގެ ޙިދުމަތް ބޭނުންކުރާ މިންވަރު 2020 ވަނަ އަހަރު ވަރަށް ބޮޑަށް ދަށްވެގެން ދިޔައިރު މިދިޔަ އަހަރު އަދަދުތައް މަތި ކުރުމަށް އެކުންފުނިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ވެލާނާ އެއާޕޯޓަށް 2019 ވަނަ އަހަރު ބައިނަލްއަޤްވާމީ ފްލައިޓުތަކުން 2 މިލިއަނަށް ވުރެ ގިނަ މީހުން އައިސް، އަދި ފުރާފައިވެއެވެ. އަދި 6 ލައްކައަށްވުރެ ގިނަ މީހުން އެތެރޭގެ ޑޮމެސްޓިކް ފްލައިޓުތައް ބޭނުންކޮށްފައިވެއެވެ. މިދިޔަ އަހަރު ކޮވިޑުން އަރައިގަނެ ބައިނަލްއަޤްވާމީ ދަތުރުވެރިންގެ އަދަދު 1.4 މިލިއަނަށް ވަނީ މަތި ކުރެވިފައެވެ. އަދި އެތެރޭގެ އުދުހުންތައްވެސް ދެބައިކުޅަ އެއްބައި އިޔާދަކޮށް 3 ލައްކައަށް ވުރެ ގިނަ މީހުން ދަަތުރު ކޮށްފައިވެއެވެ.

ވެލާނާ އެއާޕޯޓަށް ކާގޯ އެތެރެ ކުރާ މިންވަރަށް ބަލާއިރު 2019 ވަނަ އަހަރު 55 ހާސް ޓަނުގެ މުދާ ވައިގެ މަގުން އިމްޕޯޓުކޮށްފައިވާއިރު، މިދިޔަ އަހަރު ގާތްގަނޑަކަށް 30 ހާސް ޓަނުގެ މުދާ އެތެރެކޮށްފައިވެއެވެ. ހަމައެއާއިކު 2019 ވަނަ އަހަރު 13 ހާސް ޓަނުގެ މުދާ ބޭރުކޮށްފައިވާއިރު، މިދިޔަ އަހަރު ގާތްގަނޑަކަށް 9 ހާސް ޓަނުގެ މުދާ ބޭރުކޮށްފައިވެއެވެ.

އެއާޕޯޓު ހާލަތު އިޔާދަވަމުންދާކަން އެންމެ ބޮޑަށް ފެނިގެންދަނީ އެއާޕޯޓަށް ޖެއްސި ފްލައިޓުތަކުގެ އަދަދުންނެވެ. އެގޮތުން ވެލާނާ އެއާޕޯޓަށް 2019 އަހަރު 27 ހާހަށްވުރެ ގިނަ ބައިނަލްއަޤްވާމީ ފްލައިޓު ޖެއްސިއިރު، މިދިޔަ އަހަރު އެ އަދަދު ވަނީ 25 ހާހަށް މަތިކޮށް 2019 އަހަރާއި ބޮޑުތަނުން ގާތްކޮށްފައެވެ. ވެލާނާ އެއާޕޯޓުން ހާމަކުރި ގޮތުގައި އެތެރޭގެ އުދުހުންތަކަށް 2019 ވަނަ އަހަރުގައި 35 ހާސް ދަތުރު ކުރިއިރު، މިދިޔަ އަހަރު 23 ހާހަށް ވުރެ ގިނަ ދަތުރު ކުރިއެވެ.

މިދަތުރުތައް ކުރަން 2019 ވަނަ އަހަރުވެސް ބޭނުންކުރި އަދަދަށް މިދިޔަ އަހަރުވެސް ބޭނުން ކުރިއެވެ. އެއީ 36 އެއާލައިނެވެ.

ވެލާނާ އެއާޕޯޓުން މިދިޔަ އަހަރު ދުނިޔޭގެ 26 ޤައުމަކަށް ސީދާ ދަތުރު ކުރެވެއެވެ. މިިއީ 2019 ވަނަ އަހަރާއި އަޅާ ބަލާއިރު ކުރިއެރުމެކެވެ. އެއަހަރު ސީދާ ދަތުރު ކުރެވެނީ 19 ޤައުމަކަށެވެ. ނަމަވެސް އެއަހަރު 43 މަންޒިލަކަށް ދަތުރު ކުރެވޭއިރު، މިދިޔަ އަހަރު 41 މަންޒިލަކަށެވެ.

މިއަދަދުތަކާއެކު އެއާޕޯޓުން ކުރީގެ ހާލަތަށް އިޔާދަވުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ކަމަށް އެމްއޭސީއެލްއިން ޤަބޫލުުކުރެއެވެ. އަދި މިއީ މިއަހަރު އުއްމީދީ އަހަރަކަށްވާނެ ކަމުގެ ހެއްކެއް ކަމަށް އެކުންފުނީން ބުނެއެވެ.