ކުޅިވަރު

ކަންސޭލޯ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އަށް ކުޅޭ ޕޯޗުގަލްގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ޖާއޮ ކަންސޭލޯ އެޓީމާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ. ޢުލޫމާތުލިބިފައިވާގޮތުގައި ކަންސޭލޯވަނީ ސިޓީގައި އިތުރު ފަސް އަހަރު މަޑުކުރުމަށް އެއްބަސްވެފައެވެ.

ކަންސޭލޯ ސިޓީ އާއެކު ކުރިން ހަދާފައިވި އެއްބަސްވުން ހަމަވާން އޮތީ 2025 ވަނަ އަހަރުއެވެ. ނަމަވެސް މިއާ އެއްބަސްވުމާއެކު އޭނާ 2027 ވަނަ އަހަރާއި ހަމައަށް އެކްލަބުގައި މަޑު ކުރާނެއެވެ. 2019 ވަނަ އަހަރު އިޓާލިއަން ސެރީއާގެ ޔުވެންޓަސްއިން ސިޓީއަށް ބަދަލުވި ކަންސޭލޯ ވަނީ މިހާތަނަށް 106 މެޗް ސިޓީއަށް ކުޅެދީފައެވެ. ކަންސޭލޯ ބުނީ މިއާ އެއްބަސްވުމާއެކު އޭނާ ވަރަށް ހިތްހަމަ ޖެހިފައި ހުރި ކަމަށެވެ. އަދި މިވަގުތު ފުޓްބޯޅަ ކުޅެން މިއަށް ވުރެ ވަކި އިތުރަށް ރަނގަޅު ކުލަބެއް ނެތް ކަމަށެވެ. އަދި ސިޓީއަކީ ކުޅުންތެރިޔަކަށް ދެވޭނެ އެންމެ މައްޗަށް ދިއުމަށްޓަކައި ބޭނުންވާ ހުރިހާ ކަމެއް ލިބެން ހުރި ކްލަބެއް ކަމަށްވެސް އޭނާ ބުންޏެވެ. މިގޮތުން އެންމެ ޒަމާނީ ފެންވަރުގެ ފެސިލިޓީޒް އާއި ދުނިޔޭގެ ފެންވަރުގެ ޓީމް މޭޓުންގެ އިތުރުން އެންމެ ފާހަގަ ކޮށްލެވޭ ކޯޗުވެސް ހުރީ އެކްލަބުގައި ކަމަށް އޭނާ ސިފަކުރިއެވެ.

ކަންސޭލޯވަނީ މިހާތަނަށް ސިޓީއާއެކު ތިން ތަށި ކާމިޔާބުކޮށްފައެވެ. ކަންސޭލޯ ސިޓީގައި ބޮޑަށް ވިދާލަން ފަށާފައިވަނީ މިދިޔަ ސީޒަނާ ހިސާބުންނެވެ. އަދި މިހާރު އޭނާއަކ ސިޓީގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. އަދި މިސީޒަންގައި މިހާތަނަށް 30 މެޗްގައި އޭނާވަނީ ކުޅެފައެވެ.