ވިޔަފާރި

އެސްޓީއޯ ޑިޖިޓަލް ބޭންކަށް ކިޔާނީ "އިވޯލްވް"


އެސްޓީއޯގެ ޑިޖިޓަލް ބޭންކަށް ދޭން ހަމަޖެހިފައިވާ ނަމަކީ "އިވޯލްވް"ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

ޑިޖިޓަލް ބޭންކިން ދުނިޔޭގެ ޤައުމުތަކުން ބަލައިގަންނަމުން ދިއުމާއި ގުޅޭގޮތުން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެސްޓީއޯއިންވެސް މިކަމުގެ ތެރެއަށް އަވަހަށް ވަދެ، ޒަމާނާއި އެއްވަރަށް ކުރިއަރަން ޖެހޭކަމަށެވެ. އަދި މާލީ ޓެކްނޮލޮޖީގެ ދާއިރާ ފުޅާކުރުމަށް މަސައްކަތް ކުރަންޖެހޭކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެސްޓީއޯއިން ރާއްޖޭގައި ޑިޖިޓަލް ބޭންކެއް ހިންގުމަށް ހުއްދައަކަށް އެމްއެމްއޭގައި އެދިފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. އަމްރު ވިދާޅުވީ މިހާރު މަޑުކުރަމުން ދަނީ އެސްޓީއޯގެ ޑިޖިޓަލް ބޭންކް "އިވޯލްވް"އަށް އެމްއެމްއޭގެ ލައިސަންސް ލިބޭނެ ދުވަހަކަށްކަމަށެވެ.

ޑިޖިޓަލް ބޭންކް ނިޒާމަކީ މުޅި ނިޒާމު އެއްކޮށް އޮންލައިން ކުރެވިފައިވާ ބޭންކިން ނިޒާމެކެވެ. މި ނިޒާމުގެ ތެރެއިން ދެވޭ ގިނަ ޙިދުމަތްތައް ދެވޭނީ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށެވެ. މި ނިޒާމާއި އާއްމުކޮށް މިހާރު މި ބޭނުންކުރާ އޮންލައިން ބޭންކިން ޕްލެޓްފޯމްތަކާއި އެންމެ ބޮޑު ތަފާތަކީ ޑިޖިޓަލް ބޭންކުގެ ހުރިހާ ކަމެއްވެސް އޮންލައިން ޕްލެޓްފޯމުގެ ތެރެއިން ކުރިއަށް ދާނެކަމެވެ. މިހާރު ބޭނުން ކުރާ އޮންލައިން ޕްލެޓްފޯމް ތަކުގައި އޮންލައިންކޮށް ޙިދުމަތްތައް ދިން ނަމަވެސް ގިނަ ފަހަރަށް ފަހަތުގައި ކުރެވޭ ބޭންކިން މަސައްކަތް ކުރަނީ ބޭންކުތަކުންނެވެ.

އެސްޓީއޯއިން ވަނީ ބޭންކު ހިންގަން ބޭނުންވާ ތަޖުރިބާކާރުންވެސް ހޯދުމުގެ މަސައްކަތް ފަށާފައެވެ.

އިޤްތިޞާދީ ގޮތުން ކުރިއަރާފައިވާ ޤައުމުތަކުގައި ޑިޖިޓަލް ބޭންކުތަކަށް ހުއްދަދީ ދަނީ ހިންގަމުންނެވެ. އެގޮތުން ބައެއް ޤައުމުތަކުގައި މިހާރުވެސް މިކަމާއި ގުޅޭ ޤަވާއިދުތައް ހަދަމުންދާއިރު އެހެން ޤައުމުތަކުން ދަނީ ބޭންކުތަކަށް ހުއްދަތައް ދެމުންނެވެ.