ޚަބަރު

ޗައިނާގެ އައު އަހަރާއެކު ރާއްޖެ-ޗައިނާ ގުޅުން ވަރުގަދަވާނެ: ޝާހިދު


ޗައިނާގެ އައު އަހަރާއެކު ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޗައިނީޒް ސްޕްރިންގ ފެސްޓިވަލްގެ މުނާސަބަތުގައި، އަދި އައު އަހަރުގެ މުނާސަބަތުގައި، ޗައިނާގެ ސަރުކާރަށާއި، އެޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާ ޝަހިދު ފޮނުއްވި މެސެޖުގައި ވަނީ މިއީ، ކޯވިޑް-19ގެ އެންމެ ދަތި އުނދަގޫ ދަނޑިވަޅުގައިވެސް، ޗައިނާ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވުމަށް ވަރަށް ޚާއްޞަ މުނާސަބަތެއް ކަމުގައި ދެކިވަޑައިގަންނަވާކަމަށެވެ.

މިނިސްޓަރުގެ މެސެޖުގައި، ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުން، މި އުފާވެރި އަހަރުގެ ތެރޭގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި މީގެއިތުރުން 2022 ވަނަ އަހަރު ބެއިޖިންގގައި ބޭއްވުމަށް ހަމަޖެހިފައިވާ ވިންޓަރ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އިންތިޒާރު ކުރައްވާކަމުގައިވެސް މެސެޖުގައި މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިންޓަރ އޮލިމްޕިކްސް ކާމިޔާބު އޮލިމްޕިކްސްއަކަށް ވާނެކަމުގެ އުއްމީދުކުރައްވާ ޗައިނާގެ ސަރުކާރަށާއި، ޗައިނާގެ ރައްޔިތުންނަށް މިނިސްޓަރ ޝާހިދު ވަނީ ހެޔޮއެދުންތައް ފޮނުއްވާފައެވެ.

މި މެސެޖުގައި ޗައިނާގެ ރައްޔިތުންނަށް ފާގަތި، އުފާވެރި މުސްތަޤްބަލަކަށް މިނިސްޓަރ ޝާހިދު ވަނީ އެދިވަޑައިގެންފައިވެއެވެ.