ކުޅިވަރު

އެވަޓަންގެ އާ ކޯޗަކަށް ލަމްޕާޑް ހަމަޖައްސައިފި


އިންގްލިޝް ޕްރިމިއަރ ލީގުގެ އެވަޓަންގެ އާ ކޯޗަކަށް ޗެލްސީގެ ކުރީގެ ކޯޗް ފްރޭންކް ލަމްޕާޑް ހަމަޖައްސައިފިއެވެ. ލަމްޕާޑް މިމަގާމާއި ހަވާލުވެފައިމިވަނީ ދެ އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ލަމްޕާޑް އެވަޓަންގެ ކޯޗް ކަމާއި ހަވާލުވަނީ އެތީމްގެ ކުރީގެ ކޯޗް ރަފައެލް ބެނީޓޭޒް މިދިޔަ މަހު މަގާމުން ދުރުކުރުމާއި ގުޅިގެންނެވެ. އަދި މިއީ ޗެލްސީގެ ކޯޗްކަމުގެ މަގާމުން ލަމްޕާޑް ވަކިކުރި ފަހުން އޭނާ ހަވާލުވި ފުރަތަމަ މަގާމުވެސް މެއެވެ. މަގާމާއި ހަވާލުވުމަށްފަހު ލަމްޕާޑް ބުނީ އިނގިރޭސިވިލާތުގައި ދިގު ތާރީހެއް އޮތުމުގެ އިތުރުން ބޮޑު ކްލަބެއް ކަމަށްވާ އެވަޓަންގެ ކޯޗް ކަމުގެ މަގާމާއި ހަވާލުވުމަކީ އޭނާއަށް ލިބިގެންދާ ބޮޑު ޝަރަފެއް ކަމަށެވެ. އަދި އޭނާ މަސައްކަތް ފެށުމަށް ކެތް މަދުވެފައިވާކަމަށްވެސް އޭނާ ހާމަކުރިއެވެ. އެވަޓަންގެ ކޯޗްގެ ހައިސިއްޔަތުން ލެމްޕާޑް ފެނިގެންދާނެ ފުރަތަމަ މެޗަކަށް ވާނީ އެފް އޭ ކަޕް ހަތަރުވަނަ ބުރުގައި މިއަންނަ ހޮނިހިރު ދުވަހު ބްރެންޓްފަޑާއި ބައްދަލުކުރާމެޗެވެ.

ލަމްޕާޑްގެ ކޯޗުކަމުގައި އެކްލަބަށް ގެނައި ފުރަތަމަ ކުޅުންތެރިޔަކީ ލޯން އެއްބަސްވުމެއްގެ ދަށުން މެންޗެސްޓަރ ޔުނައިޓެޑުން އެކްލަބަށް ބަދަލުވި ޑޮނީ ވެން ޑަރ ބީކްއެވެ. އަދި އޭގެ ފަހުން ޓޮޓްނަމްގެ ޑެލީ އަލީވެސް ވަނީ އެވަޓަންއަށް ސޮއިކޮށްފައެވެ. ބެނީޓޭޒްގެ ދަށުން މަސައްކަތްކުރި ޑަންކަން ފަރގަސަން އާއި ގޯލް ކީޕަރ ކޯޗް އެލަން ކެލީ ލެމްޕާޑްގެ ދަށުންވެސް މަސައްކަތް ކުރާނެކަމަށް އެކްލަބުންވަނީ ހާމަކޮށްފައެވެ.