ކުޅިވަރު

ރިވަރ ޕްލޭޓަށް ކުޅެމުން އަންނަ އަލްވަރޭޒް ސިޓީއަށް ސޮއިކޮށްފި


އާޖެންޓީނާގެ ރިވަރ ޕްލޭޓަށް ކުޅެމުން އަންނަ ޒުވާން ފޯވަޑް ހޫލިއަން އަލްވަރޭޒް އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއަށް ސޮއިކޮށްފިއެވެ. މައުލޫމާތުލިބިފައިވާ ގޮތުގައި އުމުރުން 22 އަހަރުގެ މިކުޅުންތެރިޔާ ސިޓީއަށް ސޮއިކޮށްފައިވަނީ 17 މިލިއަން ޔޫރޯގެ އަގަކަށެވެ.

އަލްވަރޭޒް ސިޓީއަށް ފަސް އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުން ސޮއި ކުރި ނަމަވެސް މިއަހަރުގެ ޖުލައި ނިމެންދެން ކުޅެމުންދާނީ ލޯން އެއްބަސްވުމެއްގެ ދަށުން ރިވަރ ޕްލޭޓަށެވެ. ރިވަރ ޕްލޭޓްގެ ރައީސް ހޯގޭ ބްރިޓޯ ހާމަކުރިގޮތުގައި ސިޓީއިން ވަނީ އަލްވަރޭޒްގެ އެއްބަސްވުމުގައިވާ ރިލީޒް ކްލައުސް އަށް އެއްބަސްވެފައިކަމަށެވެ. އަލްވަރޭޒްވަނީ ރިވަރ ޕްލޭޓަށް މިހާތަނަށް 96 މެޗް ކުޅެދީ 36 ލަނޑު ޖަހައިދީފައެވެ. އަދި އާޖެންޓީނާ ޤައުމީ ޓީމަށް އޭނާ ވަނީ ހަ މެޗް ކުޅެފައެވެ.

ސިޓީއިން ބުނީ އަލްވަރޭޒް ދުނިޔޭގެ ފެންވަރުގެ ތަރިޔަކަށް ހެދުމަށް އޭނާއަށް ބޭނުންވާ އެހީތެރިކަން އެކްލަބަށް ފޯރުވާދެވޭނެކަމަށް ގަބޫލް ކުރާކަމަށެވެ. ބްރިޓޯ ވިދާޅުވީ އަލްވަރޭޒް ދައްކަމުންދާ ކުޅުމަށް ބަލާއިރު މިއީ އަންނާނެ ދުވަހެއް ކަން ކުރިން ވެސް އެނގޭ ކަމަށާއި އެހެންކަމުން އެއްބަސް ވުމަކަށް އަންނާކަން އުނދަގޫތަކެއް ނެތް ކަމަށެވެ. ނަމަވެސް އުނދަގޫވީ ލޯން އެއްބަސްވުމަކަށް އައުމާމެދުގައިކަމަށެވެ. ސަބަބަކީ އަވަރޭޒްއަކީ ޓީމުގައި ރީޕްލޭސް ކުރެވޭވަރަށްވުރެ މުހިންމު ކުޅުންތެރިޔަކަށް ވާތީކަމަށެވެ. ރިވަރ ޕްލޭޓްގެ ކޯޗް ބުނީ މިއީ ރަނގަޅު އެއްބަސްވުމެއް ކަމަށާއި އޭނާ އެހެން ކްލަބަކާއި ގުޅުނު ކަމުގައިވީ ނަމަވެސް އޭނާގެ ޓީމާއެކު ކުޑަދުވަސް ކޮޅެއް އިތުރަށް ހުރެވޭގޮތް ވާތީ ހިތްހަމަޖެހޭކަމަށެވެ.