ޚަބަރު

ޕްރިންސިޕަލުންގެ ސްކޮލަޝިޕަށް 60އަށްވުރެ ގިނަ މީހުން ކުރިމަތިލި، ޝަރުތު ހަމަވަނީ 43 މީހުން


ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ހުޅުވާލި ސްކޮލަރޝިޕަށް 60އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މެލޭޝިޔާ އިން މާސްޓަސް އިން ސްކޫލް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރަން 20 ސްކޮލަޝިޕެއް ހުޅުވާލާފައެވެ.

ޕްރިންސިޕަލުން ތަމްރީނުކުރުމަށް ހުޅުވާލީ ފުރުޞަތުގައި ސްކޮލަޝިޕް ލިބޭ މީހުންގެ ކިޔެވުމުގެ ޚަރަދާއި މުސާރައާ އެއްވަރުގެ އެލަވަންސް އަދި ދެކޮޅު ޓިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިސްކޮލަރޝިޕްތަކަށް އެދުމުގެ ފުރުޞަތު މިދިޔަ ޑިސެމްބަރު މަހު ހަމަވިއިރު 64 މީހަކު ކުރިމަތިލާފައިވާކަމަށެވެ. އަދި އޭގެ ތެރެއިން ޝަރުތު ހަމަވަނީ 43 މީހެއްގެ ކަމަށް މިނިސްޓްރީން ކޮށްފައިވާ އިޢުލާންގައިވެއެވެ.

ސްކޮލަޝިޕަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ތަޢުމީ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލް ކޮށްފައި ވުމާއި ޓީޗަރެއްގެ ގޮތުގައި މަދުވެގެން 5 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުމެވެ. އަދި މި ސްކޮލަރޝިޕްތައް ލިބޭ ފަރާތްތަކުން ސަރުކާރުގެ ސްކޫލެއްގައި ވަކި މުއްދަތަކަށް މަސައްކަތް ކުރުން ނުވަތަ ބޮންޑެއް އޮންނާނެއެވެ.

ޕްރިންސްޕަލުން ތަމްރީން ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ކޮންމެ އަހަރަކުވެސް 20 ޕްރިންސިޕަލުން ތަމްރީން ކުރުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އާއިޝަތު އަލީ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރަށް މިމަހުގެ ތެރޭގައި ވަނީ އިގިރޭސިވިލާތުގެ ގައިޑް އެޑިއުކޭޝަނާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ޕްރިންސްޕަލުންތަމްރީން ކުރުމުގެ ޕްރޮގްރާމެއްވެސް ފަށާފައެވެ.

ސްކޫލްތައް ހިންގަން ރަނގަޅު ޤާބިލް މީހުން މިދުވަސްވަރު ނުލިބޭ ކަމަށާއި، މިގޮތަށް ދިމާވަނީ ޕްރިންސިޕަލުންގެ މުސާރަ ކުޑަވުމުގެ ސަބަބުން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި މިކަމަށް ހައްލެއް ހޯދާދިނުމުގެ ގޮތުން ރަށުން ބޭރު ރަށަކަށް ދާނަމަ އިތުރު އެލަވަންސެންދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން މިހާރު ހަމަޖައްސަވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އެދިވަޑައިގަތުމަށް އެހެން ރަށަކަށް ބޭފުޅަކު ވަޑައިގަންނަވާނަމަ އިތުރަށް 3000 ރުފިޔާގެ އެލަވަންސެން ދިނުމަށް ނިންމަވާފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.