ވިޔަފާރި

ރާއްޖޭގެ ފުރަތަމަ ޔޮޓް ރެލީގައި ބޭރުގެ 10 ޔޮޓެއް!


ރާއްޖޭގައި ބާއްވާ ފުރަތަމަ ޔޮޓް ރެލީ "ސަވާދީއްތަ ދަތުރު"ގައި ބޭރުގެ 10 ޔޮޓެއް ބައިވެރިވާކަމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބުނެފިއެވެ. މި ދަތުރު ފަށާނީ މިމަހުގެ 5 ވަނަ ދުވަހުއެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބަތާއި ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މިއީ އައު ގޮތަކަށް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރާއިދު ވިދާޅުވީ، ސަވާދިއްތަ ދަތުރު ފަށާނީ މިމަހުގެ 5 ވަނަ ދުވަހު ހއ. ހޯރަފުށިންކަމަށެވެ. މި ދަތުރުގައި ރާއްޖެއިން ބޭރުގެ 10 ޔޮޓެއް ބައިވެރިވާނެކަމަށާއި އެ ޔޮޓުތައް މިހާރު ވަނީ އުލިގަމުގައި ބަނދަރުކޮށްފައިކަމަށެވެ. މީގެތެރޭގައި އެމެރިކާ، އޮސްޓްރޭލިއާ، އަޔަލެންޑް، ތައިލެންޑް، ޔޫއޭއީ އަދި އިންޑިއާގެ ޔޮޓްތައް ހިމެނެއެވެ. މިއަހަރުގެ ރެލީގައި ރާއްޖޭގައި ރަޖިސްޓަރ ކޮށްފައި އޮތް އެއްވެސް ސަފާރީއެއް ބައިވެރި ނުވާނެކަމަށް ރާއިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެންމެފަހުން މައުލޫމާތު ލިބިފައި އޮތް ގޮތުން ވެއްޖިއްޔާ 10 ބޯޓު މީގައި އެބަ ބައިވެރިވޭ. އަދި ކުރިއަށްއޮތް 2 ދުވަހެއްގެ ތެރޭގައި އިތުރު ބޯޓުތައް ވަންނާނެކަމަށް މިބަލަނީ. މިހާރުވެސް އުލިގަމުގައި ބަނދަރުކޮށްފި 10 ބޯޓެއް މި ރެލީގައި ބައިވެރިވާ. ދެން އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުންވޭ މިއީ ލިބުނު ބޮޑު ކާމިޔާބީއެއް." ރާއިދު ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ، ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ރެލީއާއި ބަލާފައި މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ. އެމްއައިޓީޑީސީގެ ދައުވަތަކަށް ދުނިޔޭގެ މަޝްހޫރު ސެލިބްރިޓީ ބޯޓެއްކަމަށްވާ "ސެއިލިންގ ޒަޓާރާ" ވަނީ ދަތުރުގައި ބައިވެރިވުމަށް ރާއްޖެ އައިސްފައެވެ. އެމްއައިޓީޑީސީން ބުނީ މި ދަތުރުގެ އެންމެ މުހިންމު ބޭނުމަކީ މިފަދަ މަޝްހޫރު މީހުން މެދުވެރިކޮށް ރާއްޖެ މުޅި ދުނިޔެއަށް ދައްކާލައި، ރާއްޖޭގެ ސަގާފަތާއި ތާރީހާއި ރާއްޖޭގެ ރީތި މަންޒަރުތައް މުޅި ދުނިޔޭގައި އިޝްތިހާރުކުރުންކަމަށެވެ.

މިދަތުރު ފަށާނީ ހއ.ހޯރަފުށިންނެވެ. އަދި ދަތުރު ނިންމުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19ވަނަ ދުވަހު ބ.ތުޅާދޫއަށެވެ. އެމްއައިޓީޑީސީން ބުނީ ކޯވިޑާއި ގުޅިގެން ބައެއް ރައްތައް މޮނިޓަރިންގައި ހުރުމުގެ ސަބަބުން ވަރަށް ބޮޑު ގޮންޖުހުމެއް ކުރިމަތިވެފައިވާކަމަށެވެ. މިއަހަރުގެ ރެލީގެ މެއިން ސްޕޮންސަރަކީ އެމްޓީސީސީއެވެ.