ޚަބަރު

ހިޔާގެ ކުދިންނަށް އުރީދޫއިން 10 ޓެބްލެޓް ހަދިޔާކޮށްފި


ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އުރީދޫ މޯލްޑިވްސްގެ ފަރާތުން 10 ޓެބްލެޓް ހަދިޔާކޮށްފިއެވެ.

މި ޓެބްލެޓްތަކާއި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްގެ ފަރާތުން ހަވާލުވެވަޑައިގަތީ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީއެވެ. އުރީދޫގެ ފަރާތުން ޓެބްލެޓް ހަވާލުކޮށްދެއްވީ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒްއެވެ.

އުރީދޫ މޯލްޑިވްސްގެ ފަރާތުން ހަދިޔާކުރި ޓެބްލެޓްތައް ބޭނުންކުރާނީ ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކިޔަވާ ކުދިންގެ ކިޔެވުމުގެ ކަންކަމުގައެވެ.

ޓެބްލެޓް ހަދިޔާ ކޮށްދީފައިވާތީ، ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީވަނީ އުރީދޫއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ ކުދިންނަށް އިތުރަށް ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން އުރީދޫއާވަނީ މަޢުލޫމާތު ޙިއްސާކުރައްވާފައެވެ.

ދަޢުލަތުގެ ބެލުމުގެ ދަށުގައި މިވަގުތުވެސް 194 ކުދިން އަންނަނީ ބަލަހައްޓަމުންނެވެ. މި ކުދިންނަށް ރައްކާތެރި އަމާން މާޙައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން، އަތޮޅުތަކުގައިދަނީ މިފަދަ ކުދިންނަށް ޚާއްސަކޮށްގެން އަމާން ވެށި ޤާއިމުކުރަމުންނެވެ. މިވަގުތުވެސް ހއ.ދިއްދޫ، ށ.ފޮނަދޫ އަދި ބ.އޭދަފުށީގައި ހުރި އަމާން ވެށިތަކުގައި އަންނަނީ ކުދިން ބަލަހައްޓަމުންނެވެ. އަދި އިތުރު ރަށްރަށުގައިވެސް އަމާންވެށިތައް ޤާއިމުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.