ވިޔަފާރި

ގަވައިދާ ޚިލާފަށް ބިދޭސީން ގެންގުޅުނު 108 ފަރާތެއް ޖޫރިމަނާކޮށްފި


ިހާރަ، ރެސްޓޯރެންޓް، ކެފޭ، ގެސްޓްހައުސް ފަދަ ތަންތަނުގައި ބިދޭސީ ސޭޓުން ތިބިތޯ ބައްލަވަން އިމިގްރޭޝަނުން މާލެއާއި އަތޮޅު ތެރޭގައި ކުރިއަށް ގެންދަވާ ޚާއްޞަ އޮޕަރޭޝަންގައި، އިއްޔެ 88 ތަނެއް ޗެކްކުރައްވައި، 41 ތަނެއް ޖޫރިމަނާ ކުރައްވައިފިއެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދެވީ، މާލޭގެ އިތުރުން އައްޑޫ ސިޓީއާއި، ހ.ދ. ކުޅުދުއްފުށީގައެވެ. މި އޮޕަރޭޝަންގައި ޖޫރިމަނާކުރެއްވީ، މާލެއިން 24 ފަރާތަކާއި، އައްޑޫ ސިޓީއިން 10 ފަރާތް އަދި ކުޅުދުއްފުށިން 7 ފަރާތެކެވެ. މީގެތެރޭގައި ކޭޝިއަރުންގެ ގޮތުގައި ބިދޭސީން ގެންގުޅުނު 17 ފަރާތެއްވެސް ހިމެނެއެވެ. ޑިޕާޓްމެންޓް އޮފް އިމިގްރޭޝަންގެ މީޑިއާ އޮފިސަރ ޙަސަން ޚަލީލް ވިދާޅުވީ، މިހާރު ކުރިއަށް ގެންދަވާ އޮޕަރޭޝަންގައި ބައްލަވާނީ، ބިދޭސީ މީހާއަށް ފިޔަވަޅު އެޅުއްވުމުގެ ބަދަލުގައި، ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީ މީހާއަށް ވަޒީފާދޭ ފަރާތަށް ފިޔަވަޅު އެއްޅުއްވުމަށް ކަމަށެވެ. ފާއިތުވެދިޔަ 5 ދުވަހު އިމިގްރޭޝަނުން ހިންގެވި މި އޮޕަރޭޝަންގައި މިހާތަނަށްވަނީ 108 ފަރާތެއް ޖޫރިމަނާ ކުރައްވާފައެވެ. މި ތަންތަން ޖޫރިމަނާ ކުރެއްވީ 10,000 ރުފިޔާއިންނެވެ. އަދި ޖޫރިމަނާ ފައިސާ 15 ދުވަހުގެ ތެރޭގައި ދައްކަންޖެހެއެވެ.