ޚަބަރު

ޚޫޘީންގެ ޙަމަލާއެއް ޔޫއޭއީއަށް، ޔަހޫދީންގެ ރައީސް އަބޫ ދާބީގައި


އިސްރާއީލުގެ ރައީސް އިސްޙާޤް ހެލްޒޮގް ޔޫއޭއީއަށް ވަޑައިގެން އުޅުއްވައި ދަނޑިވަޅެއްގައި އެ ޤައުމަށް ޢަމާޒުކޮށް މިސައިލް ޙަމަލާއެއް ދީފިއެވެ.

ޔޫއޭއީގެ ސަރުކާރުން ބުނެފައިވަނީ ޔަމަނުގެ އިދިކޮޅު ޚޫޡީ ޖަމާޢަތުން ޙަމަލާ ދީފައިވަނީ ބެލިސްޓިކް މިސައިލެއް ބޭނުންކޮށްގެންކަމަށާއި ޢަމާޒަށް ވާޞިލްވުމުގެ ކުރިން އެ މިސައިލް ވައްޓާލާފައިވާކަމަށެވެ. ނަމަވެސް އެ މިސައިލް ޢަމާޒުކޮށްފައިވަނީ ޔަހޫދީންގެ ރައީސް ހުންނެވި އަބޫ ދާބީއަށް ކަމެއް ނުވަތަ ވޯލްޑު އެކްސްޕޯ ބާއްވަމުންދާ ދުބާއީއަށް ކަމެއް ޔޫއޭއީގެ ސަރުކާރުން ބުނެފައެއް ނުވެއެވެ. އެއީ ފާއިތުވި ދެ ހަފުތާގެ ތެރޭގައި ޔޫއޭއީއަށް ޢަމާޒުކޮށް ޚޫޘީން ދިން ތިންވަނަ ޙަމަލާއެވެ. ޖަނަވަރީ މަހުގެ 17ވަނަ ދުވަހު ޚޫޘީން ދިން ޙަމަލާއެއްގައި އަބޫ ދާބީގެ މައި ވައިގެ ބަނދަރު ކައިރީގައި ހުރި ތެޔޮ ރައްކާކުރާ މަރުކަޒެއްގައި އަލިފާން ރޯވެ ތިން މީހުން މަރުވެ 20 މީހުންނަށް އަނިޔާވިއެވެ. ފާއިތުވި ދުވަސްތަކުގައި ޔޫއޭއީގެ އިތުރުން ސަޢުދީ ޢަރަބިއްޔާއަށްވެސް ޚޫޘީންވަނީ ޙަމަލާތަކެއް ދީފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަބޫ ދާބީއަށް ޚޫޡީން މިސައިލް ޙަމަލާއެއް ދިން ނަމަވެސް ޔަހޫދީންގެ ރައީސް ހެލްޒޮގް ޔޫއޭއީއަށް ކުރައްވަމުންދާ ދަތުރުފުޅު ކުރުނުކުރައްވަންވަނީ ނިންމަވައިފައެވެ. އެ ގޮތުން އޭނާ ދުބާއީގައި ބާއްވައި ވޯލްޑު އެކްސްޕޯއަށް ވަޑައިގެންނެވުމަށްވަނީ ހަމަޖެހިފައެވެ.

ޔޫއޭއީއަކީ ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި އެ ޤައުމުގެ ސަރުކާރު ދިފާޢުކުރުމަށް ސަޢުދީ ޢަރަބިއްޔާ އިސްވެ އުފައްދާފައިވާ ޢަރަބި އަސްކަރީ އިއްތިޙާދުގެ މުޙިއްމު ބައިވެރިއެކެވެ. ފާއިތުވި ދުވަސްތަކުގައި ޚޫޘީންނާ ދެކޮޅަށް ޢަރަބި އަސްކަރީ އިއްތިޙާދުންވަނީ ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.