ވިޔަފާރި

މިއަހަރު ޓީޓީއެމް އެވޯޑު އިތުރު 15 ދާއިރާއަކަށް


މިއަހަރުގެ ޓްރެވެލް ޓްރޭޑް މޯލްޑިވްސް(ޓީޓީއެމް) ފެއާރގެ ތެރެއިން ބާއްވާ ޓީޓީއެމް އެވޯޑު ހަފްލާގައި މުޅިން އައު 15 ދާއިރާއަކުން އެވޯޑު ދޭނެކަމަށް ފެއާރ އިންތިޒާމްކުރާ އޯރކާ މީޑިއާ ގްރޫޕުން ބުނެފިއެވެ.

މިއަހަރު ފެއަރ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޯގަސްޓު 23 އިން 25 އަށެވެ. ޓީޓީއެމް ގާލާ ނައިޓް ބާއްވާނީ 25 ވަނަ ދުވަހުގެ ރޭގައެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން މިފަހަރުސްވެ އެންމެ ރަނގަޅު ޕްރޮޑިއުސަރ އެވޯޑު ދޭނެއެވެ. ޕްރޮޑިއުސަރ އެވޯޑަކީ ރިސޯޓުތަކުގެ ސޭލްސް މެނޭޖަރުންގެ ފަރާތުން އެއްކުރާ މަޢުލޫމާތަށް ބިނާކޮށް އެންމެ ގިނަ ފަތުރުވެރިން ގެންން ޓްރެވެލް އެޖެންސީތަކަށް ދޭ އެވޯޑެކެވެ. މި އެވޯޑު ލިބުމުގެ ފުރުސަތު ދިވެހި އަދި ބޭރުގެ އެޖެންސީތަކަށްވެސް އޮވެއެވެ.

އެއީ ރިސޯޓުތަކަށް ފަތުރުވެރިން ގެންނަ ޓްރެވެލް އެޖެންސީތަކަށް ހާއްސާކޮށްގެން ދޭ މިއެވޯޑުގެ އިތުރުން މިއަހަރު އަލަށް 15 ދާއިރާއަކަށް އެވޯޑު ދިނުމަށް ވަނީ ނިންމާފައެވެ.

ޓީޓީއެމްއިން އަލަށް ދިނުމަށް ކަނޑައަޅާފައިވާ އެވޯޑުތަކަކީ:

  • 1. ބެސްޓް ބީޗް ރިސޯޓު
  • 2. ބެސްޓް ވެލްނެސް ރިސޯޓު
  • 3. ބެސްޓް ހަނީ މޫން ޑެސްޓިނޭޝަން
  • 4. ބެސްޓް މައިސް ރިސޯޓު
  • 5. ބެސްޓް ވެޑިންގް ޑެސްޓިނޭޝަން
  • 6. މޯސްޓް ޕިކްޗަރެސްކް ރިސޯޓު
  • 7. ބެސްޓް ފެމިލީ ރިސޯޓު
  • 8. ބެސްޓް ބުޓީކް ރިސޯޓު
  • 9. ބެސްޓް ޑިޒައިން ހޮޓެލް
  • 10. ބެސްޓް ކަލިނަރީ ރިސޯޓު
  • 11. ބެސްޓް ސިޓީ ހޮޓެލް
  • 12. ބެސްޓް ފަން އެންޑް ފްރެންޑްލީ ރިސޯޓު
  • 13. ބެސްޓް އެމާޖިން ރިސޯޓު
  • 14. މޯސްޓް އިނޮވޭޓިވް ރިސޯޓު
  • 15. މޯސްޓް ސަސްޓެއިނަބްލް ރިސޯޓު

މިއެވޯޑުތަކަށް ކުރިމަތިލެވޭނެ އެންމެ ފަހުގެ ތަރީޙަކީ މާރިޗުމަހުގެ 15 ވަނަ ދުވަހެވެ. މި އެވޯޑުތައް ހޮވުމުގައި ޓީޓީއެމް އެޑިޓޯރިއަލް ޓީމްގެ 25 އިންސައްތައާއި، ތަޖުރިބާކާރުންގެ ޕެނަލެއްގެ 25 އިންސައްތައިގެ އިތުރުން 50 އިންސައްތަ އާންމު ވޯޓަކުން ބަލާނެއެވެ. އަދި މި ހުރިހާ ގޮތަކުން އެންމެ މަތީން ހޯދާ ރިސޯޓު ނުވަތަ ހޮޓަލަށް އެވޯޑު ލިބިގެން ދާނެއެވެ.

އޯރކާ މީޑިއާއިން ވިދާޅުވީ، މިއާއެކު އެވޯޑު ހަފްލާ އިތުރަށް ކުލަގަދަވެ އެވޯޑު ދާއިރާތައް ފުޅާވެގެން ދާނެ ކަމަށެވެ.

ކޮންމެ އަހަރެއްގެ ޓީޓީއެމް މޯލްޑިވްސްގައި 3000 ޕްރީ ޝެޑިއުލް މީޓިން ކުރިއަށްގެންދެއެވެ. އަދި ދާއިރާގެ 500 އެއްހައި މީހުން ބައިވެރިވެއެވެ. މިދިޔަ އަހަރު ނޮވެމްބަރުގައި ބޭއްވި ޓީޓީއެމް ފެއަރގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 300 އަށްވުރެ ގިނަ ފަރާތުން ބައިވެރިވިއެވެ. އޭގެތެރޭގައި ސަޕްލަޔަރުންނާއި، ދާއިރާގެ ތަޖުރިބާކާރުން ހިމެނެއެވެ.