ކުޅިވަރު

ސެމީގެ ފުރުސަތު އީގަލްސްއިން ބޮޑުކޮށްފި


ޔޫތު ޗެންޕިއަންޝިޕްގައި ރޭ ކުލަބް އީގަލްސް އާއި މާޒިޔާ ކުޅުނު މެޗް އެއްވަރުވެ، މުބާރާތުގެ ސެމީ ފައިނަލާއި ގާތަށް ކުލަބް އީގަލްސް ޖެހިލައިފިއެވެ. މިމުބާރާތުގައި ރޭ ކުޅުނު މެޗް އެއްވަރުވެފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިންނެވެ.

މިމެޗް ފެށިގެން މޮޅަށް ކުޅެފައިވަނީ ކުލަބް އީގަލްސްއިންނެވެ. އެޓީމުންވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ގޯލެއް ޖެހުމަށް މަސައްކަތްކޮށްފައެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މާޒިޔާގެ ހާފްގެ ތެރޭގައި އީގަލްސްއިން ކުޅުނު ނަމަވެސް، އެޓީމަށް މާޒިޔާގެ ގޯލަށް މާ ނުރައްކާތެރި ހަމަލާއެއް މެޗުގެ ކުރީކޮޅުގައި ފޮނުވާލެވިފައެއް ނުވެއެވެ. އީގަލްސްގެ އިސްމާއީލް ސައިފް އަދި ހަސަން ސަހާފަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މެޗުގެ ދެވަނަ ހާފްގައި މާޒިޔާއަށް މާ ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

މެޗްގެ ދެވަނަ ހާފްގައިވެސް މާޒިޔާއަށް މާރަގަނޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެޓީމަށްވަނީ އީގަލްސްގެ ގޯލާއި ދިމާއަށް މާ ނުރައްކާތެރި ހަމަލާއެއްވެސް ފޮނުވާލެވޭ ގޮތް ނުވެފައެވެ. މިމެޗުގައި ދެ ޓީމުގެ ކީޕަރުންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

ކުޅުނު ފުރަތަމަ 2 މެޗުން މޮޅުވި އީގަލްސްއަށް ރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު މިހާރުވަނީ 7 ޕޮއިންޓް ލިބިފައެވެ. ގްރޫޕް އޭގެ 1ވަނައިގައި އީގަލްސް އޮތްއިރު 2ވަނައިގައި އޮތީ 3 މެޗުން 4 ޕޮއިންޓް ހޯދި މާޒިޔާއެވެ. 5 ޓީމް ހިމެނޭ މި ގްރޫޕްގައި ބާކީ އޮތް 3 ޓީމުގެ ތެރެއިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ދަ ގްރާންޑޭއިން ވަނީ 2 މެޗުން 3 ޕޮއިންޓް ހޯދާފައެވެ. ކުޅުނު ދެ މެޗުން ވެސް ބަލިވެ ކްލަބް ގްރީން ސްޓްރީޓްސް އޮތީ ޕޮއިންޓެއް ނުލިބި މި ގްރޫޕްގެ އެންމެ ފުލުގައެވެ.