ކުޅިވަރު

ގްރީން ބަލިކޮށް ދަ ގްރާންޑޭއިން އުންމީދު އާކޮށްފި


ޔޫތު ޗެމްޕިއަންޝިޕްގައި ކުލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުން މުބާރާތުގައި ކުރިއަށް ދިއުމުގެ އުއްމީދު އާކޮށްފިއެވެ. 19 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒްކޮށްގެން ކުރިއަށްގެންދާ މިމުބާރާތުގައި ގްރީން އާއި ދަ ގްރާންޑޭ ކުޅުނު މެޗް، ދެ ގްރާންޑޭއިން ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 1 ލަނޑުންނެވެ.

މެޗް ފަށައިގެން މޮޅަށް ކުޅެފައިވަނީ ގްރީން ސްޓްރީޓްސްއިންނެވެ. އެގޮތުން އެޓީމުން ވަނީ މެޗްގެ 12ވަނަ މިނެޓްގައި ގޯލެއް ޖެހުމާއި ވަރަށް ގާތަށް ޖެހިލާފައެވެ. ނަމަވެސް ގްރީންގެ މުޙައްމަދު އައިހަމަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭގޮތެއް ނުވިއެވެ. މެޗުގެ ކުރީކޮޅުގައި ގްރީންއިން މޮޅަށް ކުޅުނު ނަމަވެސް، ދް ގްރާންޑޭއިން ވަނީ ކުޅުން ރަގަނޅުކޮށް، ގްރީންގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ. އެގޮތުން އެޓީމުގެ ކެޕްޓަން ނަޒާހު ޢަބްދުއްރަހީމް ގްރީންގެ ގޯލާއި ދިމާލަށް ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލާއި ސީދާނުވެ، ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗްގެ ކުރީކޮޅުގައި ގޯލެއް ޖެހުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ ދަ ގްރާންޑޭއަށެވެ. މެޗްގެ 25ވަނަ މިނެޓްގައި ދަ ގްރާންޑޭއަށް ލިބުނު ފެނަލްޓީ، އެޓީމް މުޙައްމަދު ލަޔާން އަހުމަދު ފޮނުވާލި ނަމަވެސް، ގޯލާއި ސީދާ ނުވެ އެބޯޅަ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ. މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލް ދަ ގްރާންޑޭއަށް ކާމިޔާބުކޮށްދިނީ މެޗްގެ 38ވަނަ މިނެޓްގައި ޝިމަން އަބްދުއްޝަކޫރެވެ. މިގޯލަށްފަހުވެސް މެޗްގައި މޮޅަށް ކުޅެފައިވަނީ ދަ ގްރާންޑޭއިންނެވެ. މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ދަ ގްރާންޑޭއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑް ފުޅާކޮށްފައެވެ. މިލަނޑު މެޗްގެ އިތުރު ވަގުތުގެ ތެރޭގައި ދަ ގްރާންޑޭއަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ރިމްހާން ގާސިމެވެ.

ދަ ގްރާންޑޭއިން ދެ ލަނޑުގެ ލީޑެއްގައި އޮވެގެން މެޗްގެ ފުރަތަމަ ހާފް ނިންމާލިނަމަވެސް، މެޗުގެ ދެވަނަ ހާފްގައިވެސް ދަ ގްރާންޑޭއަށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ވެގެންދިޔައެވެ. އަދި ދަ ގްރާންޑޭއިން އުފައްދަމުންދިޔަ ބައެއް ހަމަލާތައް ވަނީ ގްރީންގެ ކީޕަރު އަބާން މަތަކޮށްފައެވެ. މެޗްގައި ގޯލެއް ޖެހުމަށް ގްރީން ސްޓްރީޓްސްއިން ކުރަމުންދިޔަ މަސައްކަތް އެޓީމަށް ކާމިޔާބުވީ މެޗްގެ 68ވަނަ މިނެޓްގައެވެ. ދަ ގްރާންޑޭގެ ކީޕަރު ނައްފާޒް ސައުދަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މިލަނޑު ގްރީންއަށް ކާމިޔާބުކޮށްދިނީ މުހައްމަދު އައިހަމެވެ. މެޗްގައި ގްރީންއިން ލަނޑު ޖެހުމާއެކު، މެޗްގެ އޮއިވަރު ބަދަލްވެގެންދިޔައެވެ. ގްރީންއިން ރަގަނޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރިއެވެ. އަދި މެޗްގެ ފަހުކޮޅުގައި ގްރީންއިން އުފައްދަމުންދިޔަ ގިނަ ހަމަލާތަކެއްވަނީ ދަ ގްރާންޑޭގެ ކީޕަރު ވަރަށް ހުށިއާރުކަމާއެކު ދިފާޢުކޮށްފައެވެ. މެޗް ނިމިގެންދިޔައީ ދަ ގްރާންޑޭ ކުރީގައި އޮވެގެންނެވެ.

މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ދަ ގްރާންޑޭ ވަނީ އީގަލްސް އަތުން ބަލިވެފައެވެ. ގްރީން ސްޓްރީޓްސް ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ފުރަތަމަ މެޗްގައި ބަލިވެފައެވެ. މިމެޗްގައި ގްރީން ސްޓްރީޓްސް އަތުން މޮޅުވެ، ދަ ގްރާންޑޭ އަށް ވަނީ ސެމީއަށް ދިއުމުގެ އުންމީދެއް ލިބިފައެވެ.