ޚަބަރު

އިތުރު ގޮތެއް ނެތުމުން އިޓަލީވިލާތުގެ ރައީސްގެ މަޤާމަށް އަނެއްކާވެސް މަތަރެއްލާ


އިޓަލީވިލާތުގެ ރައީސްގެ މަޤާމަށް އަނެއްކާވެސް ސާރްޖިޔޯ މަތަރެއްލާ އިންތިޚާބުކޮށްފިއެވެ.

އިޓަލީވިލާތުގެ ރައީސްގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރެއްވުމަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުން 7 ފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް އިޓަލީވިލާތުގެ ރައީސްގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރަން ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވުމުން އެ މަޤާމުގައި މަތަރެއްލާ ދެމިހުންނެވުމަށް ޤާނޫނުހަދާ މަޖިލީހުން އެދުނެވެ. އޭރު 7 އަހަރުގެ ރިޔާސީ ދަޢުރު ނިންމަވައި ރިޔާސީ ގަނޑުވަރުން ނުކުމެވަޑައިގަތުމުގެ ތައްޔާރީތައް މަތަރެއްލާ ގެންދެވީ ކުރައްވަމުންނެވެ. ޢުމުރުފުޅުން 80 އަހަރުގެ މަތަރެއްލާވަނީ ރިޔާސީ ދަޢުރު ފުރިހަމަކުރެއްވުމަށްފަހު ސިޔާސީ މައިދާނުން ދުރަށް ވަޑައިގެންނެވުމަށް ނިންމަވަފާފައިވާކަން އިޢުލާންވެސް ކުރައްވައިފައެވެ. ނަމަވެސް ޤާނޫނުހަދާ މަޖިލީހުން އެދުނު ގޮތަށް އިތުރު ދަޢުރަކަށް ރައީސްގެ މަޤާމުގައި ހުންނެވުމަށް މަތަރެއްލާވަނީ އެއްބަސްވެވަޑައިގެންފައެވެ.

އިޓަލީވިލާތުގައި ބަރުލަމާނީ ނިޒާމެއް އޮތް ނަމަވެސް އެ ޤައުމުގެ ރައީސަކީ ބޮޑެތި ބާރުތަކެއް ލިބިފައިވާ ފަރާތެކެވެ. އެ ގޮތުން ބޮޑުވަޒީރުން ޢައްޔަންކުރުމާއި ސިޔާސީ މައްސަލަތައް ޙައްލުކުރުމުގެ ޒިންމާ އޮންނަނީ ރައީސަށެވެ.

ވިލާތުގެ ތިންވަނައަށް އެންމެ ބޮޑު އިޤްތިޞާދު އޮންނަ އިޓަލީވިލާތުގައި ސިޔާސީ ބައިބައިވުން ބޮޑުވުމުގެ ސަބަބުން ގިނަ ދުވަހަކަށް ސަރުކާރެއް ނޯވެއެވެ. އެ ގޮތުން ޢާއްމު ގޮތެއްގައި އެ ޤައުމުގައި ސަރުކާރެއް އޮންނަނީ 1 އަހަރުދުވަހުއެވެ.

އިޓަލީވިލާތުގެ ރައީސްގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރެއްވުމަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުން ކުރި މަސައްކަތްތައް ނާކާމިޔާބުވުމުން އަނެއްކާވެސް އެ ޤައުމުގެ ސިޔާސީ ޕާޓީތަކުގެ މެދުގައިވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.