ޚަބަރު

އަހަރުތަކަކަށްފަހު ބާރުގަދަ މިސައިލެއް އުތުރު ކޮރެޔާއިން ތަޖުރިބާކޮށްފި


2017ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އުތުރު ކޮރެޔާއިން ބާރުގަދަ މިސައިލެއް ތަޖުރިބާކޮށްފިއެވެ.

ބެލެވޭ ގޮތުގައި އުތުރު ކޮރެޔާއިން އެންމެ ފަހުން ތަޖުރިބާކޮށްފައިވަނީ އިންޓަމީޑިޔަޓު ރޭންޖު ބެލިސްޓިކް މިސައިލެކެވެ. އެއީ 5،000 ކިލޯމީޓަރު ދުރަށް ދަތުރުކުރުމުގެ ޤާބިލްކަން ލިބިފައިވާ މިސައިލެކެވެ. އަދި އެއީ ފާއިތުވި 5 އަހަރުގެ ތެރޭގައި އެފަދަ މިސައިލެއް އުތުރު ކޮރެޔާއިން ތަޖުރިބާކުރި ފުރަތަމަ ފަހަރެވެ. އެއާއެކު އަނެއްކާވެސް ދުރު ރާސްތާގެ ބެލިސްޓިކް މިސައިލް ތަޖުރިބާކުރަން އުތުރު ކޮރެޔާއިން ތައްޔާރުވެފައިވާކަމަށްވަނީ ބެލެވެން ފަށައިފައެވެ. ދުރު ރާސްތާގެ ބެލިސްޓިކް މިސައިލާއި ނިޔުކްލިޔަރ މިސައިލް ތަޖުރިބާކުރުން ހުއްޓާލުމަށް 2017ވަނަ އަހަރުގެ ތެރޭގައި ހުއްޓާލައިފައެވެ. ނަމަވެސް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން ހުއްޓާނުލައިކަމަށް ބުނެ އުތުރު ކޮރެޔާއިންވަނީ ޒަމާނީ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ.

ފާއިތުވި 4 ހަފުތާގެ ތެރޭގައި އުތުރު ކޮރެޔާއިންވަނީ 6 ފަހަރެއްގެ މަތިން ގިނަ ޢަދަދެއްގެ މިސައިލުތަކެއް ތަޖުރިބާކޮށްފައެވެ. އެ ގޮތުން އެ ޤައުމުންވަނީ އަޑަށްވުރެ ބާރަށް ދަތުރުކުރާ ހައިޕާސޯނިކް މިސައިލުތަކަކާއި ކުރު އަދި މެދު ރާސްތާގެ ބެލިސްޓިކް މިސައިލުތަކެއް ތަޖުރިބާކޮށްފައެވެ. އޭގެ ތެރެއިން ބައެއް މިސައިލުތައް ފޮނުވާލުމަށް އެ ޤައުމުގެ ވައިގެ ބަނދަރަކާއި ރޭލެއް ބޭނުންކޮށްފައިވެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަނުގެ ޒަޢާމަތުގައި އެ ޤައުމުންވަނީ ފުރަތަމަ ފަހަރަށް އުތުރު ކޮރެޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ. އެމެރިކާގެ ސަރުކާރުން ބުނެފައިވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ އުތުރު ކޮރެޔާގެ 6 ރައްޔިތަކަށާއި ރަޝިޔާގެ ރައްޔިތަކަށާއި ރަޝިޔާގެ ކުންފުންޏަކާ ދެކޮޅަށްކަމަށެވެ. ނަމަވެސް އެމެރިކާ އިސްވެ އދގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް އުތުރު ކޮރެޔާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ކުރަމުންދާ މަސައްކަތްތަކަށް ރަޝިޔާއިންނާއި ޗައިނާއިންވަނީ ހުރަސްއަޅައިފައެވެ.