ވިޔަފާރި

ޢާންމު ޙިއްސާދާރުންގެ ފަރާތުން ބީއެމްއެލްގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި


ޢާންމު ހިއްސާދާރުންގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑަށް ހޮވާ 3 ޑައިރެކްޓަރުންގެ މަޤާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްއިން ކުރި އިއުލާނުގައިވަނީ މި ފުރުސަތު ހުޅުވާފައިވަނީ، އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށްކަމަށެވެ. ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރާއި 70 އަހަރާ ދެމެދުގެ މީހުންނަށެވެ. މިމަޤާމަތް ކުރިމަތިލާ މީހުންގެ ގިނަ ޝަރުޠުތަކެއް ހުންނަން ޖެހެއެވެ. އެގޮތުން ރާއްޖޭގެ މާލީ އިދާރާތަކުގެ ޤަވާއިދުތަކުގެ ތެރެއިން ކަނޑައެޅިފައިވާ ޝަރުތުތަކާއި ބީއެމްއެލްއިން ކަނަޑައަޅާފައިވާ ޝަރުތުތައްވެސް ފުރިހަމަވާން ޖެހޭއެވެ.

މިމަޤާމަށް ކުރިމަތިލާ މީހުންގެ ކިބާގައި އެމްއެމްއޭގެ ފުރެޑެންޝަލް ރެގިއުލޭންޝަންގެ "ފިޓް އެންޑް ޕްރޮޕަރ ރިކުއަރމެންޓްސް"ގެ މިންގަނޑުތަކާއި ޝަރުތުތައް ހަމަވާން ޖެހޭނެއެވެ. މީގެ އިތުރުން ބީއެމްއެލްގެ ޑިރެކްޓަރުންގެ ޤަވާޢިދުގައިވާ ޝަރުތުތައްވެސް ފުރިހަމަވާން ޖެހޭނެކަމަށް އެބޭންކުން ވިދާޅުވެއެވ. މީގެ އިތުރުން ސީއެމްޑީއޭގެ ޤަވާއިދުތަކުގެ ތެރެއިން، ފުރިހަމަވާންޖެހޭ ޝަރުޠުތައް ހަމަވާން ޖެހޭނެއެވެ.

ބޭންކް އޮފް މޯލްޑިވްސް ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރުން ޢައްޔަން ކުރައްވާ 8 މެންބަރުންނާއި، ޢާންމު ހިއްސާދާރުންގެ ފަރާތުން އައްޔަން ކުރާ 3 މެންބަރުން ހިމެނެއެވެ. ބޭންކުގެ ޑިރެކްޓަރުން ބޯޑު ހޮވާނީ ބީއެމްއެލްގެ އަހަރީ ޖަލްސާގައެވެ.

މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުން ފެބްރުއަރީ މަހުގެ 28ވަނަ ދުވަހަ 16:00ގެ ކުރިން ލިޔެކިއުންތައް ބޭންކަށް އީމެއިލް މެދުވެރިކޮށް ނޫނީ ހެޑްއޮފީހުގެ ހަވަނަ ފަންގިފިލާއަށް ފޯރުކޮށްދިނުމަށް ބީއެމްއެލްއިން އެދެއެވެ.