ޚަބަރު

ސިންގަޕޫރުން ޕެސިފިކް އެލަޔަންސާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް


ސިންގަޕޫރުން، ޕެސިފިކް އެލަޔަންސް ޖަމާޢަތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކޮށްފިއެވެ.

ޕެސިފިކް އެލަޔަންސްގައި ހިމެނޭ މެމްބަރު ޤައުމުތައް ކަމަށްވާ ޗިލީ، ކޮލަމްބިއާ، މެކްސިކޯ އަދި ޕެރޫގެ މަންދޫބުންނާއެކު މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސިންގަޕޫރުގެ ވިޔަފާރިއާބެހޭ ވަޒީރު ގަން ކިމް ޔޮންގް އެވެ.

މިޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ކޮލަންބިއާގައި ބޭއްވި 16 ވަނަ ޕެސިފިކް އެލަޔަންސް ސަމިޓުގެ ތެރެއިން ސޮއިކޮށްފައިވާ މި އެއްބަސްވުމުގައި 2 ޓްރިލިއަން ޑޮލަރުގެ އުފެއްދުން ހިމެނޭ ކަމަށް ސިންގަޕޫރުގެ ވިޔަފާރިއާބެހޭ ވުޒާރާއިން ހާމަކުރެއެވެ.

2017 ވަނަ އަހަރު މަޝްވަރާތައް ފެށި، މިހާރު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ މި އެއްބަސްވުމުގައި ކަނޑުމަގުން ކުރާ ވިޔަފާރިއަށް ޚާއްޞަ ބާބެއް ހިމެނެއެވެ. މި ބާބުގެ ދަށުން ކަނޑުމަގުން ވިޔަފާރިކުރުމުގެ ދާއިރާއިން މީހުން ތަމްރީނުކުރުމާއި، ހެޔޮ އަގުގައި މުދާ އުފުލުމަށް އެއްބަސްވެފައިވާކަމަށް ސިންގަޕޫރުން ހާމަކުރެއެވެ.

މި އެއްބަސްވުން މައިގނަޑުގޮތެއްގައި ޢަމާޒުކޮށްފައިވާ ދާއިރާތަކަކީ ޑިޖިޓަލް ވިޔަފާރިއާއި، ޢިމާރާތްކުރުމާއި، ކާބޯތަކެތީގެ ވިޔަފާރިއެވެ. އެއްބަސްވުމުގެ ދަށުން، ޤައުމުތަކުން މުދާ އެކްސްޕޯޓުކުރުމުގެ ޚަރަދު ކުޑަވެ، ތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީވެދޭނެކަމަށް ސިންގަޕޫރުން ބުނެއެވެ.

ޕެސިފިކް އެލަޔަންސާއި ސިންގަޕޫރާ ދެމެދު ސޮއިކުރެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭގޮތުން ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސިއެން ލޮންގް ވިދާޅުވީ، މިއީ އެޤައުމަށް ތާރީޚީ ނިންމުމެއް ކަމަށެވެ. އަދި އެއްބަސްވުމުގެދަށުން ޕެސިފިކް އެލަޔަންސާ ސިންގަޕޫރާ ދެމެދު އިޤްތިޞާދީ ގުޅުންތައް ވަރުގަދަވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޕެސިފިކް އެލަޔަންސަށް ނިޞްބަތްވާ ބައެއް ބޮޑެތި ކުންފުނިތައް ކަމަށްވާ "އިކޯޕެޓްރޯލް" އާއި "ސިމްކްސް" އިން ސިންގަޕޫރުގައި ވިޔަފާރިކުރަން ފަށާފައިވާކަން ފާހަގަކޮށް ސިންގަޕޫރުގެ ބޮޑުވަޒީރު ވިދާޅުވީ، އުއްމީދަކީ މިފަދަ އިތުރު ކުންފުނިތަކުން އެޤައުމުގައި ވިޔަފާރީގެ ފުރުޞަތުތައް ފަހިކުރުން ކަމަށެވެ.

ސިންގަޕޫރުގެ 100 އަށްވުރެ ގިނަ ކުންފުނިން، ޕެސިފިކް އެލަޔަންސްގައި ހިމެނޭ ޤައުމުތަކުގައި ވިޔަފާރި ފުޅާކުރަމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ސިންގަޕޫރުގެ މަޝްހޫރު އޮންލައިން ކުންފުންޏެއް ކަމަށްވާ "ޝޮޕީ" އިން މިދިޔަ އަހަރު މެކްސިކޯ، ޗިލީ އަދި ކޮލަމްބިއާއަށް އެ ކުންފުނީގެ ވިޔަފާރި ފުޅާކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

މެމްބަރު ޤައުމުތަކުގެ އިތުރުން ޕެސިފިކް އެލަޔަންސާއެކު ވިޔަފާރި އެއްބަސްވުމެއް ޤާއިމުކުރި ފުރަތަމަ ޤައުމަށް ސިންގަޕޫރު ވާއިރު، މި ޖަމާޢަތަކީ ދުނިޔޭގެ ބާޒާރުގައި 8 ވަނައަށް އޮތް އެންމެ ބޮޑު އިޤްތިޞާދީ މަރުކަޒެވެ.