ޚަބަރު

މަދަނީ ޖަމިއްޔާތަކުގެ 3ވަނަ މަހާސިންތާ ނިންމާލައިފި


ރާއްޖޭގައި ހިންގަމުންދާ މަދަނީ ޖަމިއްޔާތައް މިހާރަށްވުރެ ހަރުދަނާ ކުރުމަށްޓަކާ ޤާނޫނީ އިމުގެ ތެރެއިން ޖަމިއްޔާތައް ބާރުވެރި ކުރުވަންޖެހޭ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މަދަނީ ޖަމިއްޔާތަކުގެ 3 ވަނަ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވީ ރާއްޖޭގައި ހިންގާ ބައެއް މަދަނީ ޖަމިއްޔާތަކަކީ މުޖުމަތަޢަށް ފައިދާ ހުރި މުހިއްމު ގިނަ މަސައްކަތްތަކެއް ކުރާ ބައެއް ކަމަށެވެ. އަދި މިފަދަ މަސައްކަތް ކުރާ ޖަމިއްޔާތަކުގެ ޢަދަދު މަދީ އެފަދަ މަސައްކަތްތައް ކުރުމަށް ހުރި ހުރަސްތައް ގިނަ ކަމުންކަން ސަޢީދުވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ޖަމިއްޔާތައް ކުރިއެރުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން މިހާރަށްވުރެ ހަރުދަނާ ނިޒާމެއްގެ ތެރެއިން ފޯރުކޮށް ދޭންޖެހޭކަމަށް ސަޢީދުވަނީ ވިދާޅުވެފައެވެ. އެކަމަށްޓަކާ ޤާނޫނާއި ގަވާއިދުގެ ތެރެއިން ޖަމިއްޔާތައް ހިންގާނެ ގޮތާއި ބާރުވެރިކަން ދޭނެ ގޮތްތައް ބަޔާންކޮށް ޖަމިއްޔާތަކުގެ މަސައްކަތް ފުޅާކުރަންޖެހޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

"ޖަމިއްޔާތައް އެންމެ އެދެވޭ ގޮތުގައި ކުރިއަށް ނުދާ 3 ސަބަބައެއް އެބައޮވޭ. އެގޮތުން ޖަމިއްޔާތައް އުފެދުމުގެ މަޤްސަދު ޙާސިލްކުރުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ނުލިބުން، ދެބަސްވުންތައް އިތުރުވުން، އެއް ޖަމިއްޔާއަކުން މާގިނަ ކަންކަން ކުރަން އުޅުން. އެހެންވީމަ މިއަށްވުރެ ހަރުދަނާކުރުމަށް ޤާނޫނީ ބާރު ދޭން އެބަޖެހޭ." ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަދަނީ ޖަމިއްޔާތަކުގެ ރަޖިސްޓްރާ އަޙްމަދު އިރާޝް ވިދާޅުވީ ރާއްޖޭގައި ހިންގާ އެކްޓިވް ހުރިހާ ޖަމިއްޔާތަކަކާއެކު ރޯދައިގެ ކުރިން ބައްދަލުކޮށް އަތޮޅުތެރޭގެ ޖަމިއްޔާތަކުގެ ގުޅުން ވަރުގަދަކުރުމުގެ މަހާސިންތާތައް ބާއްވާ ނިމޭނެކަމަށެވެ. އަދި އޭގެ ފައިދާ ހުރިހާ ރައްޔިތުންނަށް ސީދާގޮތުން ކުރަމުންދާނެކަމަށް އިރާޝް ވިދާޅުވިއެވެ.

"މިމަހާސިންތާއާއެކު ޖަމިއްޔާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އެނގިގެން އެބަދޭ. އަމާޒަކީ މިރޯދައިގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއް ކަވަރކޮށް މާޗްމަހުގެ ތެރޭގައި މާލެއާ ހިސާބުން މަހާސިންތާ އެއްކޮށް ނިންމާލުން." އިރާޝް ވިދާޅުވިއެވެ.

މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާގައި 4 ދުވަސްތެރޭގައި ދަސްވި ކަންކަމާއި އަދި ލިބުނު މަޢުލޫމާތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފޯރަމްގެ ބައިވެރިން ބުނީ މިއީ ޖަމިއްޔާތައް ހިންގާ ކުރިއެރުވުމަށް މުހިއްމު މަޢުލޫމާތުތަކެއް ލިބިގެންދިޔަ މަހާސިންތާއެއްކަމަށެވެ.

ދެކުނުގެ 4 އަތޮޅަށް އަމާޒުކޮށް 4 ދުވަހުގެ މުއްދަތަކަށް ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާގައި 20 ފަރާތަކުންވަނީ ބައިވެރިވެފައެވެ. ކޯވިޑާ ގުޅިގެން މިމަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުނު ފަރާތްތަކަށް ފަހުން މިފަދަ ފުރުސަތެއް ފަހިކޮށް ދެއްވާނެކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ. މިފަދަ 4 ވަނަ މަހާސިންތާ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި އއ.އުކުޅަހުގައި ބޭއްވުމަށް ޔޫތު މިނިސްޓްރީން އަންނަނީ މަސައްކަތްކުރަމުންނެވެ.