ކުޅިވަރު

އާރްބާ ވިމެންސް ޓީމް އިވެންޓް ޗެންޕިއަންޝިޕްގެ ޗެންޕިއަންކަން ސީއެސްއަށް


އާރްބާ ވިމެންސް ޓީމް އިވެންޓް ޗެންޕިއަންޝިޕްގެ ޗެންޕިއަންކަން ކުލަބް ސްކޯޕް (ސީއެސް) ހޯދައިފިއެވެ. މިމުބާރާތުގެ ޗެންޕިއަންކަން ސީއެސް ހޯދީ ފައިނަލްގައި ވުމަންސް ޑިވޮލޮޕްމަންޓާއި ބައްދަލުކުރި ފައިނަލް މެޗްގައި ތިން މެޗް ދެ މެޗުން ޓީމް އިވެންޓް ކާމިޔާބުކޮށްގެންނެވެ. އަފްނާން ރަޝީދު ބެޑްމިންޓަން އެކަޑަމީއިން މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ހަމައެކަނި އަންހެން ކުޅުންތެރިންނަށް އަމާޒުކޮށްގެންނެވެ. މިމުބާރާތުގައި ބައިވެރިވި ކޮންމެ ޓީމެއްގައިވެސް ގައުމީ ޓީމުގެ އެއް ކުޅުންތެރިއަކަށް ބައިވެރިވުމުގެ ފުރުސަތުވަނީ ދީފައެވެ.

ފައިނަލް މެޗްގައި އެންމެ ފުރަތަމަ ކުޅުނު ޑަބަލް މެޗްގައި ވާދަކޮށްފައިވަނީ ސީއެސްގެ ޢާއިޝަތު ޝަހުރުނާޒާއި ފާތިމަތު އަމާނީ ރަޝީދުގެ ޕެއަރ އާއި ޑަބްލިއުޑީގެ ނިލާ ނަޖީބާއި ޝައްފަތު އަހުމަދު ޒާހިރުގެ ޕެއަރއެވެ. ސީދާ ދެ ސެޓުން މިމެޗްގެ ސެޓްތައް ގެންގޮސްފައިވަނީ ސީއެސްގެ ޢާއިޝަތު ޝަހުރުނާޒާއި ފާތިމަތު އަމާނީ ރަޝީދުގެ ޕެއަރއެވެ. އެއީ 15-14 އަދި 15-10 އިންނެވެ. ޓީމް އިވެންޓުގެ އެއްވަނަ ސިންގަލް މެޗްގައި ވާދަކޮށްފައިވަނީ ޑަބްލިއުޑީގެ ނިލާ އަހުމަދު ނަޖީބާއި ސީއެސްގެ އައިޝަތު ޝަހުރުނާޒް މޫސާއެވެ. މިމެޗްގެ ސެޓްތައް ނިލާ ގެންދިޔައީ 15-5 އަދި 15-1 އިންނެވެ.

ފައިނަލް މެޗްގެ ދެވަނަ ޑަބަލްސް މެޗްގައި ޑަބްލިއުޑީގެ ރާބިއާ ނައީމާއި އާމިނަތު ނަސީމްގެ ޕެއަރ ވާދަކޮށްފައިވަނީ ސީއެސްގެ އާމިނަތު ހުދާ އާއި ފާތިމަތު ޝަނާގެ ޕެއަރއާއެވެ. މިމެޗް ސީދާ ދެ ސެޓުން ކާމިޔާބުކޮށްފައިވަނީ ޑަބްލިއުޑީގެ ރާބިއާ ނައީމާއި އާމިނަތު ނަސީމްގެ ޕެއަރއެވެ. އެއީ 15-13 އަދި 15-5 އިންނެވެ. ފައިނަލްމެޗްގެ ދެވަނަ ސިންގަލްސްގައި ވާދަކޮށްފައިވަނީ ޑަބްލިއުޑީގެ އާމިނަތު ނަސީމާއި ސީއެސްގެ ޝިފްނާ ހުސެއިންއެވެ. މިމެޗް ސީދާ ދެ ސެޓުން ކާމިޔާބުކޮށްފައިވަނީ ސީއެސްގެ ޝިފްނާ ހުސެއިންއެވެ. ޝިފްނާ ސެޓްތައް ގެންގޮސްފައިވަނީ 15-8 އަދި 15-5 އިންނެވެ.

ޓީމް އިވެންޓްގައި ކޮންމެ ޓީމަކަށްވެސް ދެ މެޗް ލިބުމުން މެޗްގެ ފޯރި އިތުރަށް ގަދަވެގެންދިޔައެވެ. އަދި ޓީމް އިވެންޓުގެ ފަހު ޑަބަލްސް މެޗުން މޮޅުވާ ޓީމަކަށް ޗެންޕިއަންކަން ލިބޭނެކަން ޔަގީންވިއެވެ. ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔަ އެންމެ ފަހު ޑަބަލްސް މެޗްގައި ވާދަކޮށްފައިވަނީ ޑަބްލިއުޑީގެ ރައިބާ ނައީމާއި ޝައްފަތު އަހުމަދު ޒާހިރުގެ ޕެއަރ އާއި ސީއެސްގެ ޝިފްނާ ހުސެއިނާއި ފާތިމަތު އަމާނީ ރަޝީދުގެ ޕެއަރއެވެ. މިމެޗް ކާމިޔާބުކޮށް ސީއެސްގެ ޝިފްނާ ހުސެއިނާއި ފާތިމަތު އަމާނީ ރަޝީދުގެ ޕެއަރވަނީ މުބާރާތުގެ ޗެންޕިއަންކަން ހޯދާފައެވެ. ފަހު ސެޓްތައް ސީއެސްގެ ޝިފްނާ ހުސެއިން އާއި ފާތިމަތު އަމާނީ ރަޝީދުގެ ޕެއަރ ގެންދިޔައީ 15-9 އަދި 15-14 އިންނެވެ.