ޚަބަރު

2 ބޯޓެއް ފަރަށް އެރި މައްސަލަ އީޕީއޭ އިން ބަލަން ފަށައިފި


ނިމިދިޔަ އަހަރު ޑިސެމްބަރު މަހުގެ ފަހުކޮޅު، ރާއްޖޭގެ ދެސަރަހައްދަކަށް ފަރަށް އެރި 2 ބޯޓެއްގެ މައްސަލަ އީޕީއޭ އިން ބަލަން ފަށައިފިއެވެ.އީޕީއޭ އިން ހާމަކުރިގޮތުގައި އެ އެޖެންސީއިން ބަލަމުން ދާ 2 މައްސަލައަކީ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ހުޅުމާލެ 2 ވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް އިންޑިޔާއިން ހިލަ ހިފައިގެންއައި މެއިންލޭންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑްގެ ޓަގު ބޯޓަކާއި ބާޖެއް މާލެ އަތޮޅު ފުށިދިއްގަރު ފަރަށް އެރި މައްސަލައާއި މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ޅ. ކުރެންދޫ ބަނދަރުގެ އިރުމަތީ ފަރާތު ފަރަށް އެރި މިންޓް ޕްރައިވެޓް ލިމިޓެޑްގެ "އެޓޯލް އެކްސްޕްލޯރާ" ނަމަކަށް ކިޔާ ސަފާރީ ބޯޓެއްގެ މައްސަލަ ކަމަށެވެ.އެ ފަރާތުން ހާމަކުރި ގޮތުގައި ބާޖާއި ޓަގް ފަރަށް އެރި ދުވަހުން ފެށިގެން ފުންކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުންނާއި އެހެނިހެން ދަތިތަކާއިހުރެ މިހާތަނަށް އެ ބޯޓާއި ބާޖު ފުންކުރެވޭގޮތް ވަނީ ނުވެފައެވެ. އަދި ސަފާރީ ފަރަށް އަރަން ދިމާވި ސަބަބު ކަށަވަރު ނުވާކަމަށާއި ސަފާރީ ފުންކުރުމުގެ މަސައްކަތް އަދިވެސް ނުފެށޭ ކަމަށް އީ.ޕީ.އޭ އިން ހާމަކުރެއެވެ.އެ އެޖެންސީ އިން ބުނީ ވީހާވެސް އަވަހަށް، ތިމާވައްޓަށް އެންމެ ގެއްލުން ކުޑަވާނެގޮތަކަށް އެ 2 އުޅަނދު ފުންކޮށް، ތިމާވެށީގެ ޤާނޫނާއި ޤަވާއިދުތަކުގެ ދަށުން ފުރިހަމަ ކުރަންޖެހޭ އިޖުރާތުތައް ފުރިހަމަކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.