ޚަބަރު

ކޯވިޑްގެ ބަލިމަޑުކަމުގައި ހަގީގަތަކަށްވި އަތީޤްގެ 2020 ގެ ތަސައްވުރު "ބާބާ ގާޑިޔާ"


ކޯވިޑް-19ގެ ބަލިމަޑުކަން ވެގެން ގޮސްފައިވަނީ އެތައް ބައެއްގެ ދިރިއުޅުން ބަދަލުކޮށްލި ބަލިމަޑުކަމަކަށެވެ. ގިނަ ބަޔަކަށް މިކަންވެގެންދިޔައީ ހިތާމައާއި މާލީ ގެއްލުން ބޮޑު ކަމަކަށެވެ. އެހެންނަމަވެސް އެއީ ދިރިއުޅުމަށް އައި ރަނގަޅު ބަދަލެއްގެ ގޮތުގައި މެދުވެރިވީ ބަޔަކުވެސް އެބަތިއްބެވެ. އޭގެ ތެރެއިން އެކަކީ ފުވައްމުލަކަށް އުފަން ހަސަން އަތީޤް ޢާއްމު ނަމުންނަމަ ބާބާއެވެ. ބާބާއަކީ ކޯވިޑްގެ ސަބަބުން ދިރިއުޅުމަށް ހެޔޮ ބަދަލެއް އައި އެކެކެވެ. އޭނާގެ ކުޑައިރުގެ ހުވަފެން ހަގީގަތަކަށް ވެގެންއައީ ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި މުޅި ދުނިޔެ ހުއްޓިފައިވަނިކޮށެވެ. އެތައް ބަޔަކު ނުވާނޭ ބުނި ފުޑް ޓްރަކްގެ މަސައްކަތް އޭނާ ފެށީ ލޮކްޑައުންގައެވެ.

އަތީޤްގެ ފުޑް ޓްރަކްގެ ވާހަކަ ޕީއެސްއެމް ނިއުސްއާއި ހިއްސާކުރަމުން އަތީޤް ބުނީ މީގެ އެތައް އަހަރެއްކުރިން ސްކޫލްގެ ގްރޭޑް 6 ގައި ކިޔެވި ދުވަސްވަރު އޭނާވަނީ 2020ގެ ތަސައްވަރު ލިޔުމަށް މުދައްރިސް ހުޅުވާލުމުން އޭނާގެ ހުވަފެން ކަރުދާހަށް ތިރިކޮށްފައެވެ. ހެއްވާ މަޖާކަމެއްގެ ގޮތުގައި އެދުވަހު މުދައްރިސް ދެކުނު ކުޑަކުއްޖާގެ ހުވަފެނަކީ އޭނާގެ ހިތާއި ގުޅިފައިވާ ކަމެއްކަން އޭރު ނޭނގުނުނަމަވެސް މިއީ މިއަދު މުޅި ރަށަށް މަޝްހޫރު ބާބާ ގާޑިޔާގެ ބިންގަލެވެ.

"އެދުވަހުވެސް މެންޝަންކުރިން ފޯނުން ޕްރެސްކޮށްލީމަ އެމީހަކު ބޭނުންވާ ކާއެއްޗެއް ގޭދޮރުމައްޗަށް ގެނެސްދޭވަރަށް ފޯނު ތަރައްޤީވެގެން އަންނާނެ. އަޅުގަނޑު މިއަދު ފުޑް ޓްރަކްގައި އެމީހެއްގެ ގޭދޮރުމައްޗަށް ގޮސް ކާއެއްހި ތައްޔާރުކޮށް ދެވޭނެ ގޮތްމިވަނީވެފަ." އަތީޤް ބުންޏެވެ.

ވިހި އަހަރުވަންދެން ފަތުރުވެރިކަމުގެ ސިނާޢަތުގައި ކުރި މަސައްކަތުގައި އެކި ދާއިރާތަކުގައި ފާހަގަކޮށްލެވޭ އެތައް ބަޔަކާ އަތީޤްއާއިވަނީ ދިމާވެފައެވެ. އަދި އޭނާގެ ހުވަފެން ހިއްސާކުރި އެކަކީ އެމެރިކާގައި މިފަދަ ވިޔަފާރިކުރަމުންދާ މީހެކެވެ. އަތީޤްގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ހަދަންވީ ގޮތް ކިޔައިދިން މީހަކީ އެއީއެވެ. އެއާއެކު ރާއްޖެއިން ބޭރުން ބޭނުންވާ ކަންކަން ހިމަނާ ކަސްޓަމައިޒްކޮށް ފުޑް ޓްރަކް ފަރުމާކޮށް ގެނައުމަށް ކޯވިޑްގެ އެންމެ ޙާލަތު ގޯސްވީ ދުވަސްވަރު އަތީޤްވަނީ އެޖެންޓަކާ ޙަވާލުކޮށްފައެވެ. އަތީޤް ބުނާގޮތުގައި އޭނާގެ މިވިޔަފާރީގައި އެންމެ ބޮޑަށް ނޭވާ ހިފަހައްޓާލަން ޖެހުނު ދުވަސްވަރަކީ އެއީއެވެ. ލޯނެއް ނެގުމަކާ ނުލާ އަތުގައި ރައްކާކޮށްފައި ހުރި ހުރިހާ ފައިސާއެއް ޚަރަދުކޮށްގެން ގެނައުމަށް މަސައްކަތް ކުރަމުންދާ ފުޑް ޓްރަކް ރާއްޖެ ނައިސް ލަސްވެގެން ދިޔަ ދުވަސްތަކަކީ އޭނާއާއި ކުރިމަތިވީ އެންމެ ބޮޑު އިމްތިޙާނުކަމަށް އަތީޤްދެކެއެވެ.

"ވީނުވީއެއް ނޭނގި، އޭޖެންޓު ފޯނު ނުނެގުމާއި، އަޅުގަނޑުވެސް ޑިޕްރެސްވެ، ހަތަރު އުދަރެސް ފެނުޖެހުނު ފަހަރުވެސް ދިޔަ. އަނެއްކޮޅުން ލާންކާއަށް ކޮންޓެއިނާ ވަތްތަނުން، ލަންކާ ބޯޓުން މާލެއަށް ގެންނަ ބޯޓުގެ ބަދަލުނުވެ ސައުތް އެފްރިކާއަށް މިކޮންޓެއިނާ ލީ ބޯޓު ފޮނުވައިފި." އަތީޤް ބުންޏެވެ.

އާދައިގެ ކުޑަ ގާޑިޔަލަކުން ފުވައްމުލަކު ދަނޑިމަގު އަވަށު ފިޔަރެސް ގޭދޮރުމަތީ ވިޔަފާރި ފެށިއިރު ފަސް ޕެކެޓް ސޮސެޖް ނުވިކި ބާކީ ވިދުވަސް އަތީޤްވަނީ ކިޔައިދީފައެވެ. އެހެންނަމަވެސް މިއަދު އޭނާގެ ވިޔަފާރިއަކީ މުޅި ފުވައްމުލަކުގައި "ނަމްބަރ ވަން"އެވެ. ކޮންމެ ދުވަހަކު ލިބޭ ފައިދާ 5000 ރުފިޔާގައި ހިފެހެއްޓުމަށް ކުރާ ބުރަ މަސައްކަތުން އެފައިދާ 8000 ރުފިޔާއިން މަތީގައި އޭނާވަނީ ހިފަހައްޓާފައެވެ. އާދައިގެ ގާޑިޔާއަކަށް ލިބޭ ފައިދާއަށްވުރެ އޭނާގެ ގާޑިޔާގެ ފައިދާ މިހާރު އެތައް ގުނައެއް އިތުރުކަން އަތީޤް ފާހަގަކުރިއެވެ. އަތީޤް ބުނާގޮތުގައި މިވިޔަފާރި މިހާހިސާބަށް ގެނައުމުގައި އޭނާގެ އެންމެ ބޮޑު ބާރަކީ ދެގޮތެއް ނުވި މަދު އެކުވެރިންތަކެއްގެ މަސައްކަތާއި މަންމައާއި އަންހެނުންގެ އެހީތެރިކަމެވެ. ކުރިއަށް އޮތްތަނުގައި ވިޔަފާރި ފުޅާކުރުމަށް ވިސްނާއިރު އޭނާގެ އަމާޒަކީ ރަށުގައި ބާއްވާ ޕާޓީތަކާއި ޙަފްލާތަކުގައި ބާބާ ގާޑިޔާއިން ވަގުތުން ކާބޯތަކެތި ފޯރުކޮށްދިނުމެވެ.

ބާބާ ގާޑިޔާގެ އެންމެ ހިނގާ ބާވަތްތަކުގެ ތެރޭގައި "ޗާއި" ފާހަގަކޮށްލެވެއެވެ. އަދި އަތީޤްގެ ރެސިޕީއަކަށް ހަދާ ޝަވަރުމާއަށް އޮންނަ ޑިމާންޑުވެސް ބޮޑެވެ. އެތައް ބަޔަކު ގާޑިޔަލަށް އައިސްގެން ޝަވަރުމާ ކާއިރު އެއަށްވުރެ ގިނަ ބަޔަކު ޓޭކްއަވޭގެ ގޮތުގައި އޯޑަރުކުރެއެވެ.

ކުދި ވިޔަފާރިތައް އަދި އަމިއްލަ ހުވަފެންތައް ޙަގީގަތަކަށް ހެދުމަށް ފަސްޖެހޭ މީހުންނަށް އަތީޤްގެ އޮތީ އެންމެ މެސެޖެކެވެ. ކަމެއް ޙާސިލު ކުރަން ބޭނުންނަމަ އެކަމެއް ކުރުމަށް މަސައްކަތް ކުރާށެވެ. މަގުފަހިވެގެން އަންނާނީ ހީވެސް ނުކުރާ ފަދަ ގޮތްގޮތުންކަން އަތީޤް ޔަގީންކުރެއެވެ.

މިމަސައްކަތް ކުރުމުގައި އަތީޤްއަށް މިވަގުތު އޮތް އެންމެ ބޮޑު ހުރަހަކީ އޭނާގެ ވިޔަފާރި ހިންގުމަށް ބޭނުންވާ ސާމާނު ރަށުން އަބަދު ލިބެން ނެތުމެވެ. އެހެންކަމުން އެކަން ފަހިވެގެން ދިޔުމަކީ އޭނާކުރާ އުއްމީދެކެވެ. ހަމައެއާއެކު ރާއްޖޭގައި ކުދި ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހުރި ލޯނުތައް ލިބުމުގައި އަދިވެސް ގިނަ ގޮންޖެހުންތަކެއް ހުރިކަން އޭނާ ފާހަގަކުރިއެވެ. އެހެންކަމުން މިފަދަ ކަންކަން ހައްލުވުމަކީ އޭނާއާއި މިފަދަ ވިޔަފާރިތައް ފަށަން ބޭނުންވާ މީހުންނަށް ލިބިގެންދާނެ ބާރެއްކަމަށް އަތީޤް ދެކެއެވެ.